ޚަބަރު
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ނަން ނޯޓްކުރަން ބުނެފި
ހދ. ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ އެ އަތޮޅު ހިރިމަރަދޫ މީހުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ބަޔަކު ތިބި ނަމަ، ނަން ނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.

ހިރިމަރަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ހޯރަފުށީ ކައުންސިލްގެ އާންމު ޖަލްސާއަކުން ނިންމައި، ހިރިމަރަދޫ ރައްޔިތުންނަށް އެ ރަށަށް ބަދަލުވުމަށް ދައުވަތެއް ދީފައިވާ ކަމަށެވެ.

ހަނިމާދޫ ކައުންސިލުން އިޝާރާތްކޮށްފައިވަނީ ހޯރަފުށީގެ ކުރީގެ ކައުންސިލްގެ ނިންމުމަކަށެވެ. އެއީ ކައުންސިލްގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، މިދިޔަ މާޗް 27 ވަނަ ދުވަހު ނިންމާފައިވާ ނިންމުމެކެވެ.

އެ ނިންމުމާ އެކު ހޯރަފުށީ ކައުންސިލުން އޭރު ފޮނުވި ސިޓީއަކާ ހަވާލާދީ ހަނިމާދޫ ކައުންސިލުން ބުނީ ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ނަން ނޯޓުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. 

ނަން ނޯޓުކުރަން ބޭނުންވާ މީހުން ހިރިމަރަދޫގައި ހުރި ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހަށް ގޮސް ނަން ނޯޓުކުރުމަށް ހަނިމާދޫ ކައުންސިލުން އެދިފައިވެ އެވެ. ނުވަތަ ހަނިމާދޫ ކައުންސިލްގެ މެއިލަށް ލިޔުމަކުން ނުވަތަ ފޯނު ނަންބަރަށް ގުޅައިގެން ވެސް ނަން ނޯޓުކުރެވޭނެ ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.

ދިރިއުޅޭ އާބާދީގައި 300 ހަމަނުވާ ހިރަމަރަދޫ މީހުން މިދިޔަ ކައުންސިލް އިންތިހާބުގައި ވޯޓު ދިނީ ހަނިމާދޫ ކައުންސިލް އިންތިހާބު ކުރުމަށެވެ. ހިރިމަރަދޫ މީހުން އަދި ހަނިމާދޫއަށް ބަދަލުނުކުރެވޭއިރު، އާ ހަނިމާދޫ ކައުންސިލުން ހިރިމަރަދޫ މީހުންނަށް ހިދުމަތް ދެމުން ދަނީ ހިރިމަރަދޫގެ ކުރީގެ ކައުންސިލް އިމާރާތުގައި އަވަށު އޮފީހެއް ހުޅުވައިގެންނެވެ.

ހިރިމަރަދުއަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އެ ރަށުގައި މީހުން ދިރިއުޅޭހާ ހިނދަކު ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު