ޚަބަރު
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދުން މަނާކުރުމުން އަމާޒުވި ފާޑުކިއުންތަކަށް ފަހު ނޫސްވެރިންގެ ބައްދަލުވުންތަކަށް ފޯނު ވެއްދޭނެ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ފޯނު ވެއްދުން މަނާ ކަމަށް ރައީސް އޮފީހުން އެންގީ އެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށް ނޫސްވެރިން ދިއުމުންނެވެ. ނަމަވެސް، ކުރިން އެންގިފައި ނެތުމުން މިއަދު ވަނީ ފޯނު ވެއްދުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް ދެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލުން އޭރު ބުންޏެވެ.

އެއަށް ފަހު އެކަން މީޑިއާތަކުން ރިޕޯޓުކުރުމާ އެކު ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އަދި، ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ ޖަމިއްޔާ, އެމްޖޭއޭއިން ބަޔާންނެއް ނެރެފައި ވަނިކޮށް އެކަން ދޮގުކޮށް ރައީސް އޮފީހުން މިއަދު ހަވީރު ވަނީ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި މީޑިއާތައް ކުށްވެރިކޮށްފައިވާ އިރު، މީޑިއާތަކުން އެ ހަބަރު ފަތުރާފައިވަނީ ހަގީގަތާ ހިލާފަށް ކަމަށް ބުނެ، އެ ވާހަކަ ދޮގުކުރި އެވެ.

އެއަށް ފަހު ބަޔާނުގައި ބުނީ، މީގެ ފަހުން ވެސް ނޫސްވެރިންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ދާ ނޫސްވެރިންނަށް ފޯނާ އެކު ބައިވެރިވެވޭނެ ކަމަށެވެ. 

މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން މަނާކުރި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކާއި ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އާންމު ގިނަ ބަޔަކު ވަނީ ސަރުކާރުގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެގޮތުން މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށާއި މިއީ ޑިމޮކްރަސީއާ ބީރަށްޓެހި ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު