ޚަބަރު
މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސަވައިފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލް ގައި ކުރިއަށްގެންދަން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވައި، ކަމާ ބެހޭ އިދާރާތަކަށް މިއަދު އެކަން އަންގަވައިފި އެވެ.

މެޑިސިން ކިޔަވާ ހުރިހާ ދަރިވަރުންގެ ކިޔެވުންތައް އެމްއެންޔޫގެ މެއިން ކެމްޕަހަށް ބަދަލުކުރަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެ ޔުނިވާސިޓީން ނިންމި އެވެ. އެހެންވެ، އެ ކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، އެމްއެންޔޫ އިން ނެރުނު ބަޔާނެއްގައި އޭރު ބުނީ މެޑިކަލް ސްކޫލް، ދަރުމަވަންތަ ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ހިންގަން ފެށީ ވަގުތީ ގޮތުން ކަމަށެވެ.

އެމްއެންޔޫ އިން ބުނީ މެޑިކަލް ސްކޫލުގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުން ވާތީ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެކަމަށް އުފެދުނު ކަންބޮޑުވުންތަކަކާއި ގުޅިގެން، އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސްގެ އަރިހަށް 23 އޭޕްރީލް ގައި ފޮނުއްވި ސިޓީއާއި ގުޅިގެން، އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތީން، 26 އޭޕްރީލްގައި އެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު ވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ.

މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ދެއްވާފައިވާ ކަމަށް ވަނީ ބުންޏެވެ.

"ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ޞިއްޙީ ޚިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމްދަނީއާ ފުދުންތެރިކަމާ ޙާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސް ވަރަށް އިސްކަން ދެއްވާ" ރައީސް އޮފީހުން ބުންޏެވެ.

މިގޮތުން، ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތަޢުލީމު ޙާޞިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައް ވެސް ކުރެވޭނެ ޚާއްޞަ ތަޢުލީމީ ބިނާއެއް ކުރުމަށް މިހާރު ވެސް މަސައްކަތްކުރައްވަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.

"އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން ވަނީ މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް އައްސަވާނެ ކަމާއި، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވަން އިސްކަން ދެއްވާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮތްކަމަށާއި، މިއަދު ރައީސް މި ނިންމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ބުނެފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.

ކިޔަވާ ކުދިންނާ ގުޅުން ހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅު ކުރުމުގައި، ދައުލަތުގެ އާމްދަނީ އާއި ފުދުންތެރިކަމާއި ހާލަތު ތަންދިން ވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނެސް ދިނުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލް ކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާ އެކު، ދިރާސާތައް ވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު