ރިޕޯޓް
އަޑިއެޅި އިޤްތިޞާދަށް ؛ ޑރ. މުއިއްޒު ތެޔޮ ޖައްސަވާ ގޮތް
ރައީސް ޑރ. މުހަންމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ކޮންމެ ބޭފުޅަކުވެސް ވެރިކަން ލިބުނީމާ ކުރައްވާ ކަމަކީ ފައިސާ ޗާޕް ކުރުމާއި ރައްޔިތުންގެ ނަމުގައި ދުނިޔެގެ އެކި ތަންތަނުން ލޯނު ނެގުމެވެ. މިހެން ނަގާ ލޯނުތަކުން އިންވެސްޓު ކުރުމުގެ ބަދަލުގައި ކުރީ އެހެން ކަމެކެވެ. ނަތީޖާއަކީ އެ ނެގި ލޯނަކުން ޤައުމަށް ފައިދާއެއް ނުވުމެވެ. ފައިދާވީ ވެރިންނަށެވެ. އެ ލޯނު ދައްކަން މިޖެހެނީ ފަހުން ވެރިކަމަށް އަންނަ ބަޔެކެވެ.

އެމްޑީޕީ އަލަށް ރާއްޖޭގެ ވެރިކަމަށް އައި ދުވަސްވަރުން ފެށިގެން މިގޮތަށް ފަސްކުރަމުންކުރަމުން ގޮސް މިހާރު މިވަނީ ދަރަނި 8.2 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ 126.44 ބިލިއަން ރުފިޔާ އެވެ. 557000 އާބާދީއަށް ބަލާނަމަ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ 227000 ރުފިޔާއަށްވުރެ ބޮޑު ދަރަންޏެކެވެ. ރައްޔިތުންނަށް މިކަމުގެ ޙަޤީޤަތް މިއަދު އެނގެން އެބަ ޖެހެއެވެ. ހިތުހުރިހައި ގޮތަކަށް ޤައުމުގެ ބައިތުލްމާލު ލޫޓުވުން ނޫން ކަމެއް އެބޭފުޅުން ނުކުރައްވަ އެވެ. އެހެންކަމުން މުއިއްޒު ވެރިކަމާއި ޙަވާލުވިއިރު މި ދަރަނިތަކާއި އެމަނިކުފާނު މިވަނީ ޙަވާލުވާން ޖެހިވަަޑައިގެންފަ އެވެ. މުއިއްޒުއާއި ގުޅުވައިގެން ސިޔާސީ އިދިކޮޅު މީހުން ތަފާތު ފިކުރު ތަކުގައި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެއްކިވި ކަމުގައި ވިޔަސް، ފެންނަންހުރި ޙަޤީޤަތަކީ މިއީ އެވެ.

ސަރުކާރުތަކުން ރައްޔިތުންގެ "ބޮލަށް ފައިން އަރައި ކަނޑަށް ޣަރަޤު ކޮށްލަން އުޅުނީ" ކަމަށް ބައެއް މީހުން މާނަ ކުރަނީ މިހެން މިކަން ހިނގާފައި ވާތީ އެވެ. ކޮންމެއަކަސް، ކުރިމަތިވެފައި މިވާ މާލީ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ޚަރަދު ކުޑަކުރަމުންނެވެ.

ގަވަރުނަރު ޢަލީ ހާޝިމް ވިދާޅުވީ ކުރީ ސަރުކާރުން އެމަނިކުފާނުގެ ބަހެއް ނޭހި ކަމަށެވެ. އިޤްތިޞާދަށް ނުރައްކާތައް ހުރި ކަމާށާއި އެ ނުރައްކާތަކުން އިޤްތިޞާދު ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ އޭނާ ހިއްސާ ކުރިކަމަށެވެ. ނަމަވެސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެކަމަށް ދެއްވީ ބީރު ކަންފަތެކެވެ. ނަތީޖާއަކީ ޑރ.މުޢިއްޒުގެ ސަރުކާރަށް ދަރަނީގެ ޒިންމާ އުފުލަން ޖެހުމެވެ. މިއަހަރު އެކަނިވެސް ދިވެހި ސަރުކާރުން ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. 2025 ވަނަ އަހަރު ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު އަދި 2026 ވަނަ އަހަރު 370 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މި ފައިސާ ދެއްކުމުގެ ތެރޭގައި މިހާރު ހުރި ދަރަނީގެ ވާޖިބުތަކުގެ ޕްރިންސިޕަލް އާއި އިންޓަރެސްޓް ވެސް ހިމެނެ އެވެ. އެހެންކަމުން ރައީސް ޑރ.މުއިއްޒުއަށް އޮތީ ކުރީގެ ވެރިކަންތަކުގައި ރާއްޖެއިން ނަގާފައިވާ ދަރަނިތައް ދެއްކުމެވެ.

ޑރ.މުއިއްޒުގެ ވެރިކަމަށް އަދި މިވީ ކުޑަކުޑަ ދުވަސްކޮޅެކެވެ. ކަންތައްތައް ނުވެގެން އެވާހަކަތައް ދެއްކޭކަށްވެސް ނެތެވެ. އެހާވެސް ކުރު މުއްދަތެކެވެ. ނަމަވެސް މިހާ ޅަފަތުގައިވެސް ސަރުކާރުން މިފެށި މަސައްކަތަކީ، ކުރީގެ ވެރިން ހާވާފައިވާ ހަޑިތައް ސާފުކުރުމަށް އެބޭފުޅުން އަޅުގަނޑުމެންގެ މައިންބަފައިންނާއި ދަރިންނާއި ދަރީންގެދަރީންގެ ބޮލުގައި އަޅުވާފައިވާ ދަރަނިތައް ޚަލާޞް ކުރުމުގެ މަސައްކަތް ފެށުމެވެ. އެއީ ފައިސާ ޗާޕް ނުކޮށެވެ.

ކުރީގެ ވެރިން ފާއިތުވީ 40 އަހަރު ތެރޭގައި ޖުމްލަ 6 ބިލިއަން ރުފިޔާގެ ފައިސާ ޗާޕުކުރިއިރު، ކުރީ ސަރުކާރުން އެކަނިވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކޮށްފައި ވާކަމަށް ކުރިން ރައީސް ވިދާޅުވެފައި ވެއެވެ. އެހެންކަމުން ޑރ. މުއިއްޒުއަށްވެސް 8 ބިލިއަން ރުފިޔާ ޗާޕް ކޮށްލެވިދާނެ އެވެ. ނަމަވެސް ސަރުކާރުން ބުނަނީ ފައިސާ ޗާޕްކުރުމުގެ ބަދަލުގައި ދައުލަތުގެ ޚަރަދުތައް ކުޑަކޮށްގެން ރައްޔިތުންގެ ދަރަނިތައް ޚަލާޞް ކުރާނީ އެވެ. 

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އާންމު ދަރަނި 2024 ވަނަ އަހަރު ގާތްގަނޑަކަށް 4.4 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ޖީޑީޕީގެ ގާތްގަނޑަކަށް %123 އެވެ. ދަރަނީގެ ނިސްބަތާއި ޖީޑީޕީގެ ނިސްބަތް މި މަތިވުމަކީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުމަށް ބޮޑު ކަންބޮޑުވުމެކެވެ.

ޑރ.މުޢިއްޒު އިޢުލާން ކުރައްވާފައިވާ އިޤްތިޞާދީ ސިޔާސަތުތަކާއި އެ ސިޔާސަތުތަކަށް ލިބޭނެ ކަމަށް ލަފާކުރެވޭ ފައިދާތައް;

މިހާރު ދިމާވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ރައީސް ޑރ. މުޢިއްޒުގެ މި ސިޔާސަތުތައް އެކުލަވާލާފައިވަނީ ވެރިކަން ސްޓްރީމްލައިންކޮށް، ވަޞީލަތްތައް ރަނގަޅަށް ބެހުމަށްޓަކައެވެ. ތިރީގައި މިވަނީ ސަރުކާރުގެ ޚަރަދުކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅު ތަކާއި އެއިން ލިބޭނެ ކަމަށް ލަފާކުރެވޭ ފައިދާތަކުގެ އޯވަރވިއުއެކެވެ.

 1. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު މަދުކުރުން: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރުވެސް އަހަރެއްގެ މައްޗަށް 112 މިިލިއަނަށްވުރެ ގިނަ ރުފިޔާ މުސާރައިގެ ގޮތުގައި އެކަނި ހޭދަކުރަން އެބަ ޖެހެއެވެ. މަޖިލިސް 77 އަށް ތިރިކޮށްލުމުން އަހަރެއްގެ މައްޗަށް ވިއްސަކަށް މިލިއަން ރުފިޔާ ސަލާމަތް ވެއެވެ. އެހެންކަމުން ، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން މަދުކޮށްގެން ރައީސް މުއިއްޒުގެ އަމާޒަކީ މުސާރައާއި އިނާޔަތްތަކާއި އިދާރީ ޚަރަދުތައް ހިމެނޭ ގޮތަށް ޤާނޫނު ހަދާ ޚަރަދުތައް ކުޑަކުރުމެވެ. މި ފިޔަވަޅަކީ ޤާނޫނު ހަދާ މަރުޙަލާތައް މާ ރަނގަޅު އަދި ޚަރަދު ކުޑަ ގޮތަކަށް ކުރިއަށް ގެންދެވޭނެ ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.


 2. ކައުންސިލް މެމްބަރުންގެ ޢަދަދު މަދު ކުރުން: މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ޢަދަދު މަދުުކުރެއްވުމާއެކު ، ކައުންސިލް މެމްބަރުންގެ ޢަދަދު މަދުކުރުމަކީ ލޯކަލް ގަވަރމަންޓް ފެންވަރުގައި އޮޕަރޭޝަނަލް ޚަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މި ފިޔަވަޅުގެ ސަބަބުން ގްރާސްރޫޓް ފެންވަރުގައި ވެސް މިއަށްވުރެ ފައިދާހުރި ވެރިކަން ކުރިއެރުވޭނެ ކަމަށް ރައީސްގެ އެ ޤަބޫލުފުޅު ކުރެއްވުމަކީ ބުއްދިވެރި އަދި ނަތީޖާ ނެރެވޭނެ ކަމެކެވެ. މިހާރު ތިބި 1900 އަށްވުރެ ގިނަ ކައުންސިލަރުންނަށް 1.7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރެއް ނިންމާލާއިރު ރައްޔިތުންގެ ޓެކުސް ފައިސާއިން ހަމައެކަނި މުސާރައިގެ ގޮތުގައި ދޭން އެބަ ޖެހެ އެވެ. ނަމަވެސް ރައީސް މުޢިއްޒުގެ ޕްލޭނާއެކު އޭގެއިން 30 އިންސައްތަ މަދުކޮށްލި ކަމުގައި ވިޔަސް 513 މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ އެވެ.


 3. އެކި ކޮމިޝަންތަކާއި މިނިވަން މުއައްސަސާތަކުގައި މެމްބަރުން މަދުކުރުން: ކޮމިޝަންތަކާއި މިނިވަން މުއައްސަސާތަކުގައި މެމްބަރުންގެ އަދަދު ސްޓްރީމްލައިންކޮށްގެން ސަރުކާރުން މަސައްކަތް ކުރަނީ، މި އިދާރާތަކުގެ މަސައްކަތް ހަރުދަނާކޮށް، ޚަރަދު ބޮޑުތަނުން ކުޑަކުރުމަށެވެ. ކޮމިޝަންތަކުގައި މަހަކު 1 ލައްކަ ރުފިޔާގެ މުސާރަ ދީފައި ތިބި ބަޔަކުވެސް ދައުރެއް ނިންމާލެއްވިއިރު ނަތީޖާ ނުނެރެވި ދިޔަ އެވެ. އެސެޓް ރިކަވަރީ ކޮމިޝަނާއި މަރުކޮމިޝަނަކީވެސް އޭގެ މިސާލެކެވެ. އެހެންކަމުން ކޮމިޝަންތަކުގައި ތިބި މެމްބަރުން މަދުކުރުމަށް ރައީސް އަޅުއްވާ ފިޔަވަޅުގެ ސަބަބުންވެސް ދައުލަތަށް ދިމާވެފައިވާ މާލީބުރައަށް ލުޔެއް އަންނާނެ އެވެ.


 4. އާސަންދައާއި އެންސްޕާ ހިންގުމުގެ އުސޫލުތައް ހަރުދަނާ ކުރުން: އާސަންދައާއި އެންސްޕާއިން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުން އެބަ ލިބެއެވެ. ޕްރައިވެޓް ހޮސްޕިޓަލްތައްވެސް މިހިންގަނީ އާސަންދައިންނޭ ބުނުން އެއީ ދޮގެއް ނޫނެވެ. އެހެންކަމުން، ސަރުކާރުގެ މިފަދަ މުހިންމު އިދާރާތަކުގެ މެނޭޖްމަންޓް ޕްރެކްޓިސްތަކަށް ހަރުދަނާ ބަދަލު ގެނެސް ވަޞީލަތްތައް ރަނގަޅަށް ބޭނުންކުރުމާއި ޚިދުމަތް ފޯރުކޮށްދިނުން ރަނގަޅު ކުރުމުން، އާޚިރުގައި އޮޕަރޭޝަނަލް ހަރަދު އެތައް މިލިއަން ރުފިޔާއެއް ކުޑަވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ޤަބޫލުފުޅު ކުރައްވައެވެ.

 5. އަމާޒުކުރެވިފައިވާ ސަބްސިޑީތައް: ސަބްސިޑީތައް އޭގެ އެންމެ ޙައްޤުވާ ފަރާތްތަކަށް އަމާޒުކުރެވޭކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުން ނުވާ ޚަރަދުތައް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިސާލަކަށް ދަންނަވާނަމަ އުމުރުން 65 އަހަރުވީ ހުރިހާ އެންމެންނަށް މަހަކު ފަސްހާސް ރުފިޔާގެ ސަބްސިޑީއެއް ދޭއިރު އޭގެތެރޭގައި މަހެއްގެ މައްޗަށް އެމީހުންގެ އެކައުންޓަށް އެތައް މިލިއަން ރުފިޔާ ވަންނަ ރިޒޯޓް އޯނަރުންވެސް އެބަތިއްބެވެ. އެހެންކަމުން، މިއީ ޤައުމަށް ޤައްދާރުވާ ސަބްސިޑީއެވެ. މުއްސަނދި މީހާއަށް އެ ފައިސާ ދިނުމިގެ ބަދަލުގައި އޭގެއިން ފުދުންތެރިކަން ދަށް ޢާއިލާތަކަށް ސަޕޯޓް ދިނުމަށް ރައީސް މުޢިއްޒު ވިސްނުންފުޅު ގެންގުުއްވައެވެ. ސަބްސިޑީ ދިނުމުގައި ސަރުކާރުގެ ވިސްނުމަކީ އެހީ، "އަސްލު ބޭނުންވާ ފަރާތްތަކަށް" ފޯރުކޮށްދިނުމެވެ.

 6. ކޭސް ސްޓަޑީޒް: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ކަރަންޓާއި ފެނާއި ތެލާއި އަދި ދަތުރުފަތުރުގެ ޚަރަދު ހިމެނޭއިރު މި ފިޔަވަޅުގެ ސަބަބުން 10-15 ޕަސެންޓާ ދެމެދުގެ ޢަދަދެއް ބަޖެޓުން ސަލާމަތްވެ އެވެ.


ސަރުކާރުގެ މަތި ބަރުތަ؟

ސަރުކާރެއްގެ މަތި ބަރުކަމޭ ބުނަނީ މުވައްޒަފުންގެ ޢަދަދު ގިނަވުމުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހޭދަ ބޮޑުވީމަ އެވެ. މިސަރުކާރުގައި މިފެންނަނީ ބޭކާރު ސްލޮޓްތައް އުނިކޮށް ދައުލަތުން ކުރަންޖެހޭ ހޭދަ ކުޑަކުރާ މަންޒަރެވެ. މިހާރުވެސް މާލީވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު 4.4 ބިލިއަން ރުފިޔާ ކުޑަކުރެވިފައި ވެއެވެ. އެހެންކަމުން ސިޔާސީ ވިހަ ލުމަށްޓަކައި މިސަރުކާރު ކުރީގެ ސަރުކާރަށްވުރެ މަތި ބަރޭ ކިޔައި ފިތުނަ އުފައްދަން ދައްކާ ވާހަކަތަކުގައި މާނައެއް ނެތެވެ.

ނިންމާލަމުން ދަންނަވާނަމަ، ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަކީ، ފަރުވާތެރިކަމާއެކު ތަންފީޒުކުރުމާއި، ކުރިއަށްދާ މޮނިޓަރިންގެ ތެރެއިން މާލީ ގޮތުން ބޮޑެތި ފައިދާތަކާއި، މާ ސްޓޭބަލް އަދި ފާގަތި މުސްތަގުބަލެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް، ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޕްރޮއެކްޓިވް އުސޫލެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު