ދީން
ޒިނޭގެ ސަބަބުން މުޖުތަމައުގައި ނުރައްކާތެރި ބަލިތައް ފެތުރޭ: ހުކުރު ހުތުބާ
މަކުނިވިދުރިއާއި އެއިޑްސް ފަދަ ބަލިތަކަކީ ބަދުއަޚުލާގީ އަމަލުތަކަށް ދުނިޔެވީ ސަޒާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ހުތުބާގައި ޒިނޭގެ މައްޗަށް އަލިއަޅުވާލައި ބުނެފައިވަނީ ހުރިހައި ބާވަތެއްގެ ބަދުއަހުލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް މުސްލިމުންގެ މައްޗަށް މާތްﷲ ޙަރާމްކުރައްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ފާޙިޝް އަމަލަކީ ޒިނޭ ކަމަށެވެ. އަދި ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެކެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވާނެ ކަމަށެވެ.

އިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚުލާގީ ޢަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެެއް ކަމަށާއި ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކާތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބާވެ، ކައިވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެން ކަމަށް ހުތުބާގައި ބުންޏެވެ.

ދުނިޔޭގެ އަހުލާގު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން ކަމަށާއި އެއީ ﷲ ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އެއީ، ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާ ކަމަށާއި މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފުސަށް މުޅީން ދޫކޮށްލުމުގެ މުޞީބާތެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

"ލޫޠުގެފާނުގެ ޤައުމުގެ މީހުން އިންސާނީ ފިޠުރަތުގެ މަގުން އެއްކިބާވެ، އެ މީހުންގެ ނާދީތަކުގައި މުންކަރާތްތައް ފަތުރައި، އަޚުލާގީ މިންގަނޑުތަކާ ޚިލާފުވެ، މުޅީން އަލަށް އީޖާދުކޮށްގެން ލިވާޠުކޮށް އުޅުމުގެ ނަތީޖާއަކަށްވީ އެ މީހުންގެ ގައުމު މުޅިން ހަލާކުވެ ދިޔުން. އެ ރަށުގެ މަތީފުށް އަނޑީފުށަށް ބަދަލުކުރައްވައި އެއްވެސް ދިރުމެއް ނެތް މަރުވެފައިވާ ކަނޑަކަށް އެ ގައުމު ހެއްދެވުން. އެ މީހުން ކުޅަ ބަދުއަޚުލާގީ ޢަމަލުތަކުގެ ސަބަބުން އެ މީހުންގެ މައްޗަށް ގިނި ހިލައިގެ ވާރޭ ވެއްސަވައި އެ މީހުން ހަލާކުކުރެއްވުން،" ހުތުބާގައި ހަނދާކޮށްދިނެވެ.

ހުތުބާގައިވަނީ ޒިނޭއާއި ފާހިޝު އަމަލުތަކުން ދުރުވެގަތުމަށްޓަކައި ނަމާދު ޤާއިމުކުރުންމަތީ ދެމިތިބުމަށް ގޮވާލާފައެވެ. ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނިކުރުމަށާއި ކައިވެނިކުރަން ކުޅަދާނަކަން ލިބިގެންނުވާ މީހާ ސުންނަތް ރޯދަ ހިފުމަށް ވަނީ ގޮވާލާފަ އެވެ.

ފާހިޝު ޢަމަލަކަށް އަރައިގަނެވިފައިވާ މީހާ ވަގުތު ފާއިތުވުމުގެ ކުރީން ތައުބާވުމަށާއި މާތް ﷲއީ ގިނަގިނައިން ފާފަފުއްސަވާ ރަހުމާނުވަންތަ، ރަޙީމުވަންތަ ރަސްކަލާނގެ ކަމަށް ހުބާގައި ވަނީ ބުނެފަ އެވެ.

" ދުނިޔޭގެ އަހްލާގު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން އެއީ ﷲ ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާ. އެއީ ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާ. އެއީ މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފްސަށް މުޅީން ދޫކޮށްލުމުގެ މުސީބާތް. އިސްލާމްދީން ވަނީ އެ ފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވައިފައި. މާތް ﷲގެ އަމުރުފުޅުތަކަށް ތަބައަވެ މުންކަރާތްތަކާ ދުރުހެލިވުމުން." ހުތުބާގައި ބުންޏެވެ.

ހުތުބާގައި ވިދާޅުވެފައިވަނީ ފާހިޝު އަމަލުތަކުން މުޖުތަމައު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތައުލީމުދޭ މުއައްސަސާތަކުންނާއި، ހަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެން ކަމަށެވެ. އެ މީހުންގެ އަތުގައި ޝައިތާނާ ހިފުން މަނާކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު