އަލީ ވަޙީދު، ރައްޔިތުންނަށް؛ ވޯޓު ދެއްވާ ނަތީޖާ ނެރެދޭނަން!
ހުސެން ރަޝީދު
24 މާޗް 2026 - 15:11
0 comments
ކެމްޕެއިން އިވެންޓެއްގައި އަލީ ވަހީދު ވާހަކަ ދައްކަވަނީ - ފޮޓޯ: ދަ ޕީޕަލް ސައިޑް
ހޯރަފުށީ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ އަލީ ވަޙީދު (ގޮނޑުމަތިއާގެ / ހއ. ހޯރަފުށި އޮތީ، އުފަން ރަށާއި، ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތްކުރުމުގެ މާތް މަގުޞަދެވެ. ރައްޔިތުންގެ އަޑުއަހައިގެން، ރަށުގެ ތަރައްގީއަށް އިހުލާޞްތެރިކަމާއެކު ހިދުމަތް ކޮށްދިނުމުގެ ތެދުވެރި ނިޔަތާއި، ނުގުޑާ ފަދަ އަޒުމުމެވެ. ރައްޔިތުން އިންތިހާބުކުރި، ސަރުކާރާއި ދުރު ފިކުރުތަކެއް ވައްދައި ރަށުގެ ކުރިމަގަށް ލޮޅުން އެރުވުމުގެ ޖާގަ ދޭކަށް އޭނާ ބޭނުމެއް ނުވެ އެވެ.
އިންތިހާބުގައި ވާދަކުރައްވާ މައިގަނޑު ސަބަބީ އެއީ ކަމަށް ވިދާޅުވި އެވެ.އަލީ ނުކުމެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ހޯރަފުއްޓަށް އަންނަން ހުރި ތަރައްގީ ހުއްޓުވުމަށް ބަޔަކު ކޮށްފާނެ ސިޔާސީ މަސައްކަތަށް ފުރުސަތު ވެސް ނުދެއްވުމަށެވެ. ހޯރަފުށީ ރައީސްގެ މަގާމުގައި އަލީގެ ޒިންމާއަކީ އޭނާ ވިދާޅުވާ ގޮތުގައި އުފާވެރި މުސްތަގުބަލެއްގެ ހުވަފެން ދެކޭ ހޯރަފުށީ ރައްޔިތުން އެދޭ "އަސްލަށް" ރުޖޫއަ ކުރުމެވެ. މިއީ، އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުސިލް އިންތިހާބާ ގުޅޭ ގޮތުން އަލީ "ހޯރަ"އަށް ދެއްވި ހާއްސަ އިންޓަވިއުގެ މުހިއްމު ހުލާސާ އެވެ.1. މި އިންތިހާބަށް އަލީ ނުކުންނެވީ ކާކު ބުނެގެންތޯ؟"މި އިންތިޚާބަށް އަޅުގަނޑު ނުކުތީ ވަކި މީހަކު ބުނެގެންނެއް ނޫން، އަޅުގަނޑު ނުކުތީ ހޯރަފުށީގެ ލޮބުވެތި ރައްޔިތުންގެ އިހުސާސްތައް ރަނގަޅަށް އެނގޭތީ، ރަށަށް އިތުރު ކުރިއެރުމާއި ތަރައްޤީ ބޭނުންވެފައިވާތީ އަދި ސަރުކާރުގެ ސިޔާސަތުތައް ރަށު ފެންވަރުގައި ތަންފީޒުކޮށް، ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމުގެ މުހިންމުކަން ޤަބޫލުކުރެވޭތީ."2. ލާމަރުކަޒީ ގާނޫނަށް ފަރިތަތޯ؟ އިދާރީ ހިންގުމުގެ ތަޖުރިބާ އެބަހުރިތަ؟"އާދެ، ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ ނިޒާމު، ވެރިކަންކުރާ ރަށުން ލިބޭ ނަފާގެ އެހީއާއެކު މުނިސިޕަލް ޚިދުމަތް ދިނުމަށް މަގުފަހިކިށްދޭ ނިޒާމު އަދި ލާމަރުކަޒީ އުޞޫލުން، ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ ގާނޫނީ ބާރު ލިބިދެވޭ ނިޒާމު، އަޅުގަނޑު ހުރީ މި ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބިދޭ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް ވަރަށް ބޮޑަށް އަހުލުވެރިވެފައި، މީގެ އިތުރުން އިދާރީ ހިންގުމުގެ ދާއިރާގައި އަޅުގަނޑު ހޯދާފައިވާ ތަޖުރިބާގެ އަލީގައި، ކައުންސިލަކީ ހަމައެކަނި ހިންގާ އިދާރާއެއްގެ ބަދަލުގައި، ނަތީޖާ ނެރޭ މުއައްސަސާއަކަށް ހަދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް."3. ހޯރަފުށި ހިންގާނެ ގޮތުގެ ތަޞައްވުރަކީ ކޮބާ؟"އަޅުގަނޑުގެ ތަޞައްވުރަކީ "ޒަމާނީ، ފުދުންތެރި، އެކުވެރި އަދި އިސްލާމީ ތަރުބަވީ ހޯރަފުށި". ރަށުގެ އިގްތިސާދު ފުޅާކޮށް، އިޖުތިމާއީ ރޫހު އާލާކޮށް، ކައުންސިލުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން. ހޯރަފުއްޓަކީ މުޅި އަތޮޅަށް ނަމޫނާ ދައްކާ، ފުއްދުންތެރި އަދި އިސްލާމް ދީނަށް ލޯބިކުރާ ރަށަކަށް ހެދުން."4. "ވިލުފެހި މެނިފެސްޓޯ" ހަޤީގަތަކަށް ހަދަން ކުރާނެ އެންމެ ބޮޑު މަސައްކަތަކީ ކޮބާ؟
"މި ތަޞައްވުރަކީ ހަމައެކަނި ލިޔެލައިފައިއޮތް ކަރުދާހެއް ނޫން، އެއީ ރައްޔިތުންގެ އުންމީދު، މީގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، ހިންގުމަށް ބޭނުންވާ ބަޖެޓާއި، ވަޞީލަތްތައް ހޯދައި، ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ފައިދާ ހުރިގޮތުގައި ހަމަހަމަ ކަމާއިއެކު ދެފުއްފެންނަ ގޮތަށް ޚިދުމަތްދިނުމާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ރައްޔިތުންނަށް ފައިދާހުރި އެކިއެކި ޕްރޮގްރާމުތައް ހިންގުމާއި، މަޝްރޫއުތައް އޭގެ އެންމެ ބާރުމިނުގައި ކުރިއަށް ގެންދިއުން."5. ވަޒީފާގެ ފުރުސަތުތަކަށް އޮތް ހައްލަކީ ކޮބާ؟"ވަޒީފާގެ މައްސަލައަކީ އަޅުގަނޑުމެން ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ ކަމެއް. މީގެ ހައްލަކީ:ލޯކަލް ޓޫރިޒަމް ފުޅާކޮށް، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން.ޒުވާނުންނަށް ބޭނުންވާ ފަންނީ ތަމްރީނު ރަށުގައި ތިބެގެން ލިބޭނެ މަގު ފަހިކުރުން.ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން ރަށުގައި އާ މަޝްރޫއުތައް ފަށައި، ވަޒީފާގެ ބާޒާރު ތަނަވަސްކުރުން."6. ސަރުކާރުން އިހްމާލުވެއްޖެ ކަމަށް ބުނާ ބުނުމަށް ދޭނީ ކޮން ޖަވާބެއް؟"އެއީ ހަގީގަތާ ޚިލާފު ވާހަކައެއް. މި ސަރުކާރުން ހޯރަފުއްޓަށް ދޭ އަހަންމިއްޔަތުކަން މަޝްރޫއުތަކުން ފެންނަން އެބަހުރި. ތަރައްގީއަކީ ހުއްޓުމެއްނެތް މަރުހަލާއެއް. އިދިކޮޅު ފަރާތްތަކުން އެހެން ބުނަނީ ސިޔާސީ ބޭނުމަކަށް. ހޮސްޕިޓަލުގެ މަސައްކަތް އެދަނީ ކުރިޔަށް، މަގު ހެދުމުގެ މަސައްކަތްތައް އެ ގެންދަނީ ކުރިޔަށް މިހާރު އޮތް އެމްޑީޕީ ކައުންސިލަށް 9 އަހަރުވެގެންދިޔަ އިރުވެސް ޙައްލުނުކުރެވުނު ކުނިމެނޭޖުކުރުމުގެ މަސައްކަތް މިހާރު އެ އޮތީ ފެށުމުގެ މަރުޙަލާގައި އަޅުގަނޑުމެން މި ނުކުތީ އެ ތަރައްޤީ އިތުރަށް ހަލުވިކޮށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކު ރަށަށް ބޭނުންވާ ކަންކަން ޙާސިލުކުރަން."7. ޓީމުގެ މަސައްކަތަކީ ހަމައެކަނި ސަރުކާރު ޕްރޮމޯޓް ކުރުންތޯ؟"އަޅުގަނޑުމެންގެ ޓީމުގެ މަސައްކަތަކީ 'ހޯރަފުށި ޕްރޮމޯޓް ކުރުން'. އެވަގުތެއްގައި އޮންނަ ސަރުކާރާ އެކު މަސައްކަތް ކުރުމަކީ ރަށަށް ތަރައްޤީ ހޯދަން އޮތް އެންމެ ފަސޭހަ މަގު. ސަރުކާރުގެ ސިޔާސަތުތަކަކީ ރައްޔިތުންނަށް ލާބަހުރި ކަންކަން ކޮށްދިނުން ކަމަށްވާތީ، އެކަންކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ރަށަށް އެންމެ ފައިދާހުރި ގޮތް."8. އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އަންދާޒާއަކީ ކޮބާ؟"އަޅުގަނޑަށް ފެންނަނީ ވަރަށް އުންމީދީ މަންޒަރެއް. ރައްޔިތުންގެ ތަރުހީބާއި، ޓީމުގެ ބުރަ މަސައްކަތަށް ބަލާއިރު، ﷲގެ ހެޔޮ ރަޙުމަތާއިއެކު ބޮޑު ތަފާތަކުން މި ގޮނޑި އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ހޯރަފުށީގެ ރައްޔިތުން ބޭނުންވަނީ ތަރައްޤީއާއެކު ކުރިއަށްދާން."9. ނަތީޖާ ބަދަލުވެއްޖެ ނަމަ ގަބޫލުކުރާނަންތޯ؟ ސަރުކާރާއެކު ހުންނާނަންތޯ؟"ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ނިންމުމަށް އަބަދުވެސް އިޙުތިރާމް ކުރަންވާނެ. ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އަޅުގަނޑު އެކަން ގަބޫލުކުރާނަން. އަދި އަޅުގަނޑުގެ ފިކުރާއި، ސަރުކާރަށް އޮތް ތާއީދަކަށް ބަދަލެއް ނާންނާނެ. ކޮންމެ މަގާމެއްގައި ހުރެގެންވެސް އަޅުގަނޑު މަސައްކަތް ކުރާނީ ހޯރަފުށީގެ ކުރިއެރުމަށް" ކެންޑިޑޭޓު ނަންބަރު އެކެއް ދައްކަވައި އަލީ ވިދާޅުވި އެވެ.އަލީގެ އިންޓަވިއު ނިންމަވާ ލެއްވީ ރައްޔިތުން ކުރައްވާ އިތުބާރާއި ދެއްވާ އިހުތިރާމަށް ފަށްފަށުން ޝުކުރު ދަންނަވަމުން ނެވެ. އަލީ ދެއްވީ ކޮންމެ ފިކުރެއްގެ ބޭފުޅަކާ އެކު ވެސް ރަށުގެ ތަރައްގީއަށް މުއާމަލާތު ކުރެވޭނެ ކަމުގެ ޔަގީން ކަމެވެ. ވިދާޅުވީ ރައްޔިތުން އިތުބާރު ކުރައްވާ ވޯޓު ދެއްވައިފި ނަމަ ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު