އެމެރިކާއާ އެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތަށް ހޮރްމުޒް ކަނޑުއޮޅި "މުޅިން ހުޅުވާލާފައިވާ" ކަމަށް އީރާނުން އިއްޔެ ބުނުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 10 ޕަސެންޓަށް ވުރެ ބޮޑަށް ވެއްޓި، ހިއްސާގެ ބާޒާރުތައް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ އެވެ.
އީރާނުން މިހާތަނަށް އައިއިރު، މި ކަނޑުއޮޅި ބަންދުކޮށްފައި ވަނީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން ދެމުން އަންނަ ހަމަލާތަކާ އެކުގަ އެވެ. މިކަމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލި ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ.އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދިޔަ އެމެރިކާ އަަދި އިސްރާއީލްއާ ގުޅުން ހުރި ތެޔޮ ބޯޓުތަކަށް ވެސް ހަމަލާ ދީފަ އެވެ.އިރާނުގެ އިއުލާނާ އެކު، ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑް އަދި އެމެރިކާގެ ޑަބްލިއުޓީއައި ތެލުގެ އަގު ވަނީ ފީފާއެއް 90 ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ.
އަރަގްޗީ އިޝާރާތް ކުރެއްވީ ލުބުނާނާއި އިޒްރޭލާ ދެމެދު ވެފައިވާ 10 ދުވަހުގެ އެއްބަސްވުމަށް ކަމެއް ނުވަތަ މި މަހުގެ އަށްވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ފެށި ދެ ހަފުތާގެ އެއްބަސްވުމަށް ކަމެއް އަދި ސާފެއް ނުވެ އެވެ.ހޮރްމުޒް ކަނޑުއޮޅި "އެއްކޮށް ހުޅުވާލާފައި" އޮންނާނެކަން އިއުލާނުކުރީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ހުރިހާ ވިޔަފާރި އުޅަނދަކަށް މިހާރު އެ މަގު ހުޅުވިފައިވާ ކަމަށެވެ."ލުބުނާނުގެ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން، އެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގައި ހޮރްމުޒް ކަނޑުއޮޅިން ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް ދަތުރުކުރެވޭ ގޮތަށް އެއްކޮށް ހުޅުވާލެވިފައި ވާނީ،" އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވިއެވެ.