ޚަބަރު
"ބޮޑު ބަދަލު" ގްރޫޕުން ފައްޔާޒު ނުކުމެއްޖެ
ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުން ގޮވާލުމާ ގުޅިގެން އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް 'ބޮޑު ބަދަލު' ގްރޫޕުން ނުކުންނަވައިފި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދާއި ފައްޔާޒު އެކުގައި 'ބޮޑު ބަދަލު'ގެ ނަމުގައި ސިޔާސީ މަސައްކަތް ފައްޓަވާފައިވާއިރު، ދެ ބޭފުޅުންގެ 'ފެކްޝަން'ތަކުގެ މެދުގައި ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

 ހިތްހަމަ ނުޖެހުންތަކާ އެކު 'ބޮޑު ބަދަލު'ގެ ވަޓްސްއެޕް ގްރޫޕަކުން ފައްޔާޒު ނުކުންނަވާފައިވާއިރު، އޭނާ ވިދާޅުވީ މީގެ ތިން ހަފްތާ ކުރިން ވަޓްސްއެޕް ގްރޫޕުން ނުކުތް ކަމަށާއި އެކަމަކު "އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން" ކަމަށެވެ.

އެ ގްރޫޕުން ނުކުންނަވަމުން ފައްޔާޒު ވިދާޅުވީ ގްރޫޕު އުފެއްދި ބޭނުން މިހާރު ކެނޑިފައިވާ ކަމަށް ހީވާ ކަމަށެވެ. އެ ބޭފުޅުންގެ ތެރޭގައި ބޭކާރު މައްސަލަތައް ބޮޑުވާހެން ހީވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ނަޝީދާއި، ފައްޔާޒުގެ "ބޮޑު ބަދަލު" މެނިފެސްޓޯގައި އޮތް އެެއް ކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލު ކުރުމެވެ. 

އެ މެނިފެސްޓޯ އިފްތިތާހުކުރައްވަން އޭޕްރިލް 19، ގައި ދެ ބޭފުޅުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ ވަކި ދެ މަގާމެކެވެ. 

އެގޮތަށް ހުށަހެޅުއްވުމުން، އެއީ ބަރުލަމާނީ ނިޒާމްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ދައުލަތުގެ އިސްވެރިޔާ އިންތިހާބު ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ނިޒާމަކީ ވެސް މަސްހުނި ކަންތައްތަކެއް ހުރި ނިޒާމެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު