ކުޅިވަރު
މެންޗެސްޓާ ސިޓީ އަށް ކުޅެމުންދިޔަ އަގުއޭރޯ ބާސާ އަށް
ބާސާއާ ގުޅުނު އަގުއޭރޯ (ކ) އެ ކްލަބުގެ ރައީސް ހުއާން ލަޕޯޓާއެކު އެ ކްލަބުގެ ޖޯޒީ ދައްކާލަނީ.
މެންޗެސްޓާ ސިޓީ އަށް ކުޅެމުންދިޔަ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސެލޯނާ އަށް ސޮއިކޮށްފި އެވެ. 

ރިޕޯޓުތައް ބުނާ ގޮތުން ބާސާއަށް އަގުއޭރޯ ބަދަލުވީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީއާއެކު އެއް ކުލަބަކަށް ކުޅުމުގެ ބޭނުމުގައެވެ. އެކަމަކު މި ސީޒަން ނިމުމުން މެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ. ނަމަވެސް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އުމުރުން 33 މެސީގެ ވިސްނުން މިހާރު ހުރީ 2023 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މަޑުކުރުމަށެވެ. އެއްބަސްވުން އާކުރުމަށްފަހު އަގުއޭރޯ ބުނީ ބާސާގައި މެސީ މަޑުކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި، އެގޮތުން އަންނަ ސީޒަނުގައި މެސީއާއެކު ކުޅެން ބޭނުންވާ ކަމަށެވެ.

ސިޓީއާ އެކު އަގުއޭރޯ ވަނީ ބޮޑު 15 މުބާރާތް ކާމިޔާބުކޮށްފަ އެވެ. ސިޓީއާ އެކު ފަސް ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 260 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަގުއޭރޯ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް ޓީމަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ އެ ރެކޯޑް ހެދީ ޕްރިމިއާ ލީގުގައި 184 ގޯލު ޖަހައިގެންނެވެ.

ބާސެލޯނާއާ އެކު އަގުއޭރޯ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަނުވަނިސް އޭނާ ގަންނަން އެހެން ކްލަބަކުން ބޭނުންނަމަ 100 މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭނެ އެވެ.

ސިޓީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އަގުއޭރޯ މި ސީޒަނަށް ފަހު އެ ކްލަބާ ވަކިވާނެ ކަމަށް އިއުލާންކުރީ މާޗު މަހެވެ. ސިޓީގެ ޖޯޒީގައި އަގުއޭރޯ ކުޅުނު ފަހު މެޗަކަށްވީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އެވެ. ޗެލްސީ އަތުން ސިޓީ ފައިނަލްގައި ބަލިވިއިރު، އަގުއޭރޯ އެ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތެވެ.

"ބާސެލޯނާ އަކީ ދުނިޔޭގެ އެއްވަނަ ކްލަބުކަން އެންމެން ވެސް ގަބޫލްކުރާނެ،" ބާސާ އަށް ސޮއިކުރުމަށް ފަހު އަގުއޭރޯ ބުންޏެވެ. "އަހަރެންގެ ނަޒަރުގައި މި ޓީމާ ގުޅެން ނިންމުމަކީ އަހަރެން ނިންމި ވަރަށް ރަނގަޅު ނިންމުމެއް. އަހަރެންގެ ކެރިއަރުގައި ކުރިއަށް ފިޔަވަޅެއް މި އެޅުނީ. އުއްމީދަކީ ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދުން،" އަގުއޭރޯ ބުންޏެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު