ކުޅިވަރު
ލީގު ހޯދުމުގެ ރޭހުގައި ވާދަކުރާ ސިޓީ-ލިވަޕޫލް މެޗަށް ހަމަހަމަ ނިމުމެއް
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާ ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާގެ ލަނޑުން އެ ޓީމު ލީޑު ނެގި އެވެ. އެކަމަކު ޑިއޮގޯ ޖޮޓާގެ ގޯލުން ލިވަޕޫލް 13 ވަނަ މިނެޓުގައި އެއްވަރުކުރި އެވެ. ދެން ފެނިގެން ދިޔައީ ސިޓީން އަނެއްކާ ވެސް ލީޑު ނެގި މަންޒަރެވެ. މި ގޯލް 36 ވަނަ މިނެޓުގައި ޖެހީ ގެބްރިއަލް ޖީސުސް އެވެ. ލިވަޕޫލުން އެއްވަރުކުރީ 46 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ޖެހި ގޯލުންނެވެ. 

މެޗުގެ 63 ވަނަ މިނިޓުގައި ސްޓާލިންގެ ގޯލަކުން ސިޓީން ތިންވަނަ ފަހަރަށް ލީޑު ނެގި ކަމަށް ހީކޮށް އުފާފާޅު ވެސް ކުރި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ސްޓާލިން އަށް ބޯޅަ ލިބުންއިރު އޭނާ ހުރީ އޮފްސައިޑުގައި ކަމަށް ނިންމި އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މިރޭ ކުޅެން ނުކުތް ރިޔާދް މަހްރޭޒް މެޗުގެ 90 ވަނަ މިނިޓުގައި ފޮނުވާލި ހިލޭ ޖެހުމެއް ވަނީ ހޯލު ދަނޑިއަށް އަމާޒުވެފަ އެވެ. އަދި އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނިޓުގައި ޑިބްރޭނާ ހުސްކޮށްލާފައި ދިން ބޯޅައެއް ކީޕަރު އެލިސަން ބޯ މަތިން ފޮނުވާލަން މަހްރޭޒް ޖެހި ބޯޅަ އަށް ހުރަސް އެޅީ މަޓިޕް އެވެ.

ދެ ޓީމުގެ މެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގުކަމުން ގިނަ ބަޔަކު ބުނަމުން ދިޔައީ މިރޭގެ މެޗުން މޮޅުވާ ޓީމެއް ޗެމްޕިއަންކަން ހޯދާނެ ކަމަށެވެ. އެކަމަކު ދެ ޓީމު އެއްވަރުވުމާ އެކު ލީގުގެ ފޯރި އަނެއްކާ ވެސް މިވަނީ ގަދަވެފަ އެވެ.

މެޗުން އެއްވަރުގެ ދެ ޓީމަށް ވެސް ލިބޭނީ އެއް ޕޮއިންޓެވެ. އެއާއެކު ސިޓީން އެއް ވަނައިގައި އަދިވެސް އޮތީ އެއް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެއީ 31 މެޗުން ލިބޭ 74 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 31 މެޗުން ލިބޭ 73 ޕޮއިންޓާއެކުއެވެ. މި ނަތީޖާއާއެކު ލީގުގެ ފޯރި އިޔުރަށް ވަނި ގަދަވެފައެވެ.

މިރޭގެ މެޗު ސިފަކުރެވުނީ ބޮކްސިން މެޗެއްގެ ގޮތުގައި ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނި އިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ މިއީ ބޮކްސިން މެޗެއްގެ ގޮތުގައި ކްލޮޕް ސިފަކުރި ކުރުމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ ބުނީ އޭނާއަށް ކުރެވެނީ ފުރުސަތެއް ގެއްލުވާލި ކަމުގެ އިހުސާސް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު