ކުޅިވަރު
މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަސް މިނިޓް ތެރޭ ތިން ގޯލު ޖަހައި، ފަހަތުން އަރައި އެސްޓަން ވިލާ 3-2 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ޕްރިމިއަ ލީގުގެ ނަމުގައި، އިނގިރޭސި ލީގު ބާއްވަން ފެށި ފަހުން ސިޓީން ލީގު ކާމިޔާބު ކުރި ހަ ވަނަ ފަހރެވެ. ޕްރިމިއަ ލީގު 1990 ގައި ލޯންޗުކުރުމުގެ ކުރިން ސިޓީން ވަނީ ދެ ފަހަރަށް ލީގު ކާމިޔާބު ކޮށްފަ އެވެ.

މިއީ ސިޓީން ވިދިވިދިގެން ލީގު ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. ގާޑިއޯލާގެ ކޯޗު ކަމުގައި ސިޓީން ޕްރިމިއަ ލީގު ކާޟިޔާބު ހަތަރު ވަނަ ފަހަރެވެ.

ސިޓީ ލީގު ކާމިޔާބުކުރީ 93 ޕޮއިންޓާ އެކު އެވެ. ލިވަޕޫލަށް އެއްކުރެވުނީ 92 ޕޮއިންޓެވެ.

ލިވަޕޫލުން ވަނީ މިރޭ ކުޅުނު މެޗުން ވުލްވްސް އަތުން 3-1 އިން މޮޅުވެފަ އެވެ. އެ ޓީމަށް ލީގު ލިބެން އޮތީ ސިޓީ މިރޭ ކުޅުނު މެޗުން ބަލިވެގެންނެވެ.

ސިޓީ ދަނޑުގައި މިރޭ ފުރަތަމަ ހާފުގައި އެސްޓަން ވިލާ އިން ލީޑުނެގީ މެޓީ ކޭޝް ބޮލުން ޖެހި ގޯލުންނެވެ. ސިޓީން ލަނޑެއް ޖަހަން ކުރިއަށް ޖެހިގެން ކުޅެނިކޮށް، މެޗުގެ 75 ވަނަ މިނިޓްގައި ފިލިއްޕޭ ކުޓީނިއޯ އެސްޓަން ވިލާގެ ލީޑުފުޅާކޮށްދިނެވެ.

ސިޓީން ނަތީޖާ އަނބުރާލީ ޖެހިގެން އައި ފަސް މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ. ސިޓީގެ ފުރަތަމަ ގޯލު ޖެހީ ބަދަލަކަށް އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގަ އެވެ. ރަހީމް ސްޓާލިން ނެގި ހުރަހަކުން އިލްކާއި ގުންޑޮގާން ބޯޅަ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ. އޭރިއާބޭރުން ރޮޑްރީ ޖެހި ގޯލުން ސިޓީން ނަތީޖާ ހަމަހަަމަކުރިއިރު، ސިޓީ މޮޅުކޮށްދިން ގޯލު ގުންޑޮގާން ޖެހީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުންނެވެ.

ސިޓީ އާއި ލިވަޕޫލް އަދި ޗެލްސީއާ އެކު ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދަން ގަދަ ހަތަރެއް ކަށަވަރުކުރީ މިރޭ ނޯރިޗް ސިޓީ އަތުން 5-0 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. އެއާ އެކު، އެވަޓަން އަތުން 5-1 އިން މޮޅުވި ނަމަވެސް އާސެނަލަށް ވަނީ ގަދަ ހަތަރެއް ކަޓައިފަ އެވެ. އެ ޓީމު ލައްވާލީ ޔުރޮޕާ ލީގުގަ އެވެ. ޔޫރަޕުގެ ދެ ވަނަ ފަންތީގެ ކްލަބް މުބާރާތަށް ދެން ދިޔައީ މިރޭ ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ބަލިވި މެންޗެސްޓާ ޔުނައިޓެޑެވެ.

ޕްރިމިއާ ލީގުގެ ގަދަ ހަޔެއް

1-މެންޗެސްޓާ ސިޓީ 93 ޕޮއިންޓް (ޗެމްޕިއަންސް ލީގު)

2-ލިވަޕޫލް92 ޕޮއިންޓް (ޗެމްޕިއަންސް ލީގު)

3-ޗެލްސީ 74 ޕޮއިންޓް (ޗެމްޕިއަންސް ލީގު)

4-ޓޮޓެންހަމް ހޮޓްސްޕާސް 71 ޕޮއިންޓް (ޗެމްޕިއަންސް ލީގު)

5-އާސެނަލް 69 ޕޮއިންޓް (ޔުރޮޕާ ލީގު)

6-މެންޗެސްޓާ ޔުނައިޓެޑް 58 ޕޮއިންޓް (ޔުރޮޕާ ލީގު)

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު