ކުޅިވަރު
ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް
މެންޗެސްޓާ ސިޓީއިން ކްރިސްޓިއާނޯ އޮނާލްޑޯއަށް ކަޅި އަޅަނިކޮށް މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ އެޓީމަށް ގެންގޮސްފި އެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ފުޓުބޯޅައިގެ ދުނިޔޭގައި ވިދާލި ކުލަބުކަމުގައިވާ ޔުނައިޓެޑަށް އޭނާ ބަދަލުވާން މި ނިންމީ 94 މިލިއަން ޔޫރޯގެ އަގަކަށް ޔުނައިޓެޑު ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވިތާ 12 އަހަރު ފަހުންނެވެ. ރޮނާލްޑޯ ވަނީ އެ 12 އަހަރުގެ ތެރޭ ރެއާލްގެ އިތުރުން ޔުވެންޓަސްއަށް ކުޅެދީފައެވެ. 

ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ ރެއާލް މެޑްރިޑަށް 120 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. މިދިޔަ ދެ ސީޒަންގައި އޭނާ ކުޅުނު، ޔުވެންޓަސް އިން އޭނާ ޔުނައިޓެޑަށް ވިއްކާލީ 23.5 މިލިއަން ޑޮލަރަށެވެ. 

ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ ނިންމިއިރު، މެންޗެސްޓަރ ސިޓިން ދިޔައީ ، އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެނެވެ. މިއާއެކު، ރޮނާލްޑޯގެ ފަރާތުން އެއްބަސްވުމަކާ ހިސާބަށް ދިޔުމަށް ސިޓީއާއެކު މަޝްވަރާތަކެއް ކުރެވިފައިވީ ނަމަވެސް، ފަހުވަގުތު ރޭހުން ސިޓީ ވަނީ ބޭރުވެފައެވެ. އެގޮތުން ރޮނާލްޑޯއާ މަޝްވަރާކޮށް، ޔުނައިޓެޑުން ވަނީ ލަސްނުކޮށް އެއްބަސްވުމަކާ ހިސާބާށް ގޮސް ރޮނާލްޑޯ ގެނެސްފަ އެވެ.

ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުންތަކެއް އަބަދުވެސް އެންމެ އުންމީދު ކުރާ އެއްކަމަކީ ރޮނާލްޑޯ އަނބުރާ ޔުނައިޓެޑްއަށް ކުޅުމެވެ. ޔުނައިޓެޑްއިން ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ޔުނައިޓެޑުގެ ހުރިހާ ސަޕޯޓަރުންވެސް އެ ޓްރާންސްފާއާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭނެކަމަށެވެ.

ޔުނައިޓެޑްގެ ޓްރާންސްފާ ހެމަޖެހުމުން އިއްޔެ ޔުވެންޓަސްގެ ޓްރޭނިން ގުރައުންޑަށް ރޮނާލްޑޯ ދިޔައީ އޭނާގެ ބައެއް ސާމާނު ނެގުމަށާއި ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނާ ބައްދަލު ކުރުމަށެވެ. ކޯޗް މެކްސް އެލެގްރީ އާއި ކުޅުންތެރިންނަށް އަލްވަދާއު ކިއުމަށް ފަހު ރޮނާލްޑޯ ވަނީ އޭނާ މެންޗެސްޓާ އަށް ދާ ވާހަކަ ބުނެފަ އެވެ.

އެ ކްލަބުގައި މީގެ ކުރިން ރޮނާލްޑޯ ބޭނުން ކުރި ހަތް ނަންބަރު މިހަރު ވަނީ މި ސީޒަނަށް އެޑިންސަން ކަވާނީގެ ނަމަށް ރަޖިސްޓްރީ ކޮށްފަ އެވެ. ރޮނާލްޑޯ އަށް ޖެހޭނީ އެހެން ނަންބަރެއް ނަގާށެވެ.

ރޮނާލްޑޯ ޔުނައިޓެޑް އަށް ކުޅުނުއިރު އޭނާ ވަނީ 292 މެޗުގައި 118 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. ރޮނާލްޑޯގެ ފުރަތަމަ ބެލޮން ޑިއޯ އެވޯޑްވެސް އޭނާ ކާމިޔާބު ކުރީ ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރޮނާލްޑޯއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ކުޅުންތެރިޔާ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ އެއް ކުޅުންތެރިޔެކެވެ. އޭނާ ވަނީ ފަސް ބެލޮން ޑިއޯއާއި، 30 ޓްރޮފީ އޭނާގެ ކެރިއަރުގައި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ފަސް ޗެމްޕިއަންސް ލީގާއި ދެ ލަލީގާގެ އިތުރުން ޕޯޗުގަލްގެ ގައުމީ ޓީމާއެކު ޔޫރޯ މުބާރާތް އަދި ނޭޝަންސް ލީގުގެ ތަށި ފާހަގަ ކޮށްލެވެއެވެ.

އޭނާ ވަނީ އޭނާގެ ކެރިއަރުގައި 783 ލަނޑު 1،073 މެޗުގައި ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ލިއޮނެލް މެސީއާއެކު ދުނިޔޭގެ ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި ފުޓުބޯޅައިގެ ތާރީހުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު