ކުޅިވަރު
ފަހަތުން އަރައި ސިޓީ ބަލިކޮށް ޔުނައިޓެޑް ތިން ވަނަ އަށް
ލަނޑު ޖެހުމަށް ފަހު ރަޝްފޯޑް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ސިޓީ މޮޅުވާން ދަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކާ އެކު މެންޗެސްޓާ ޔުނައިޓެޑް 1-2 އިން މޮޅުވެއްޖެ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަށެވެ. ނަމަވެސް ހުސްކޮށް ހުރެ ބޯޅަ ހިފައިގެން ސިޓީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ރަޝްފޯޑް ފޮނުވާލި ހަމަލާ ދިފާއުކުރީ ސިޓީގެ ގޯލްކީޕަރު އެޑަސަން އެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މެޗުގެ 60 ވަނަ މިނެޓްގައި ސިޓީން ވަނީ ލީޑު ނަގާފަ އެވެ. ކެވިން ޑިބްރޭނާ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން މި ގޯލް ސިޓީ އަށް ކާމިޔާބުކޮށްދިނީ ޖެކް ގްރީލިޝް އެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓްގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް ވަނީ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ރަޝްފޯޑްގެ ގޯލުން ޔުނައިޓެޑުން ވަނީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. ގަނާޗޯ ނަގައިިން ހުރަހަކުން ރަޝްފޯޑް މި ގޯލު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުން ތިން ވަނައަށް ޖެހިލީ 18 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. މެންޗެސްޓާ ސިޓީ ދެވަނައިގައި އޮތީ 18 މެޗުން ހޯދި 39 ޕޮއިންޓާ އެކު އެވެ. އަދި މިއާ އެކު 18 މެޗުން 35 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑް ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ. އެއް ވަނައިގައި އޮތް އާސެނަލް ވަނީ 17 މެޗުން 44 ޕޮއިންޓް ހޯދައިފަ އެވެ.

މި ސީޒަނުގެ ކުރީކޮޅު ސިޓީގެ ދަނޑުގައި ޔުނައިޓެޑް ވަނީ 3-6 ގެ ލަދުވެތި ނަތީޖާއަކުން ބަލިވެފަ އެވެ. އެކަމަކު މި މެޗަށް ނުކުތްއިރު ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. 

ޔުނައިޓެޑް ވަނީ އެޓީމުން އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅު ވެފަ އެވެ. މި ހަތް މެޗުގައި ވެސް ރަޝްފޯޑް ގޯލު ޖެހިއިރު، މި ހަތް މެޗުން އޭނާ ވަނީ މުޅިއެކު އަށް ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން މިރޭގެ ގޯލާ އެކު ރަޝްފޯޑް ވަނީ އެންމެ ފަހުން އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު ނުވަ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. 

މިއީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ލީގުގައި ޔުނައިޓެޑް ޖެހިޖެހިގެން ފަސް މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ އިރުޝާދުދިން 500 ވަނަ މެޗެވެ. ސިޓީ މި ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
67%
0%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު