
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލު ޔުނައިޓެށް މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ. ކަސެމީރޯ މި ގޯލު ކާމިޔާބު ކުރީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓެޑުން ދެވަނަ ގޯލު ކާމިޔާބު ކުރިއިރު މި ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ބޮޓްމަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލު ވަނީ ނިއުކާސަލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާއެއް ބޮޓްމަންގެ ގައިގައި ޖެހިފަ އެވެ.ދެވަނަ ހާފްގައި ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ޔުނައިޓެޑަށް ފުރުސަތުތަކެއް ލިބުނު އިރު ދެވަނަ ހާފްގައި ނިއުކާސަލް އިން ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އެނބުރި އަންނަން މަސައްކަތް ކުރި ނަމަވެސް ޔުނައިޓެޑުން އެ ފުރުސަތު ނިއުކާސަލަށް ދީފައެއް ނުވެ އެވެ.ނިއުކާސަލް އިން ގޯލެއް ޖެހޭތޯ ކުރި މަސައްކަތުގައި ފޮނުވާލި ބައެއް ބޯޅަތައް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން، ޔުނައިޓެޑަށް ތިން ވަނަ ގޯލެއް ޖަހައިދޭން ރަޝްފޯޑާއި ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަތައް ނިއުކާސަލް ގޯލުގައި ހުރި ކީޕަރު ލޮރިސް ކާރިއަސް ވަނީ މަތަކޮށްފަ އެވެ.ޔުނައިޓެޑުން ހަ ވަނަ ފަހަރަށް ލީގު ތަށި ހޯދިއިރު، އެ ޓީމުން ކުރިން މި މުބާރާތް ކާމިޔާބުކުރީ 1992، 2006، 2009، 2010، 2017 އަދި 2023 އެވެ.މިއީ 2017 ވަނަ އަހަރަށްފަހު ޔުނައިޓެޑުން ހޯދި ފުރަތަމަ ތަށްޓެވެ. ޔުނައިޓެޑުން އިނގިރޭސި ލީގު ކަޕް އުފުލާފައިވާއިރު، މި ސީޒަނުގައި ޕްރިމިއަރ ލީގުގެ ތައްޓާއި އެފްއޭ ކަޕްގެ ތަށި ހޯދުމުގެ ފުރުސަތު ވެސް ޔުނައިޓެޑަށް އެބަ އޮތެވެ.