
ބާކީ މެޗެއް އޮއްވައި ޔުނައިޓެޑުން ޔޫރަޕްގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް، ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންކުރީ 37 މެޗުން 72 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ތިންވަނައިގައި އޮތް ޔުނައިޓެޑާ އެކު ޕްރިމިއާ ލީގުން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ވާދަކުރާނީ ލީގު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ އާއި ދެވަނައިގައި އޮތް އާސެނަލް އަދި ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑުންނެވެ.ރޭގެ މެޗުގެ 6 ވަނަ މިނެޓްގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކަސެމީރޯ ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ނަތީޖާ އެއްވަރުކޮށްލަން ޗެލްސީގެ ކައި ހަވެޓްޒް އަދި ކޯނަރ ގަލެގާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޭޑަން ސަންޗޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެންތޮނީ މާޝިއަލް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.ޔުނައިޓެޑްގެ ތިންވަނަ ގޯލު މެޗުގެ 73 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް ކާމިޔާބުކޮށްދިން އިރު ޗެލްސީގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 78 ވަނަ މިނެޓްގައި އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. މުޅި މެޗުގައި ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ނަގާލި ޗެލްސީން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަަމަވާން މިނިޓަކަށް ވެފައި ހުއްޓައި ގޯލެއް ޖަހައިފަ އެވެ. މި ލަނޑަކީ ބަދަލަކަށް ކުޅެން އެރި ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގައި ޖެހި ގޯލެކެވެ. އަމިއްލަ ހާފުގެ ތެރެއިން ޗެލްސީގެ ޔާއޯ ފެލިކްސް ހިފައިގެން ދިޔަ ބޯޅަ އޭރިއާބޭރު ރޮނގުކައިރިން ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.ޗެލްސީގެ ކޯޗުކަމާ ފްރޭންކް ލަމްޕާޑް އަލުން ހަވާލުވި ފަހުން، ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ބަލިވިިއިރު، ރޭގެ މެޗަކީ ސީޒަނުގައި އެ ޓީމު ބަލިވި 16 ވަނަ މެޗެވެ. ޗެލްސީ މި ވަގުތު ލީގުގެ 12 ވަނައިގައި އޮތްއިރު، މިއީ 1996 ވަނަ އަހަރަށް ފަހު ޗެލްސީން ލީގުގެ މިހާ ފަހަތުގައި ނިންމާ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ، އިނގިރޭސި ލީގު ރީބްރޭންޑްކޮށް ޕްރިމިއާ ލީގަށް ބަދަލުވި ފަހުން ޕޮއިންޓްގެ އަދަދަށް ބަލާނަމަ ޗެލްސީގެ އެންމެ ދަށް ފަހަރެވެ.ލީގުގެ ފަހު މެޗުގައި ޔުނައިޓެޑް ބައްދަލުކުރާނީ ފުލަމްއާ އެވެ. ޗެލްސީ ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.