ޚަބަރު
ކޮރަޕްޝަން ހުއްޓުވުމުގެ ހެޔޮބަދަލަކަށް އޭސީސީން 5 އަހަރުގެ ޕްލޭނެއް
ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން "ހެޔޮ ބަދަލުތަކެއް" ގެނައުމަށްޓަކައި، ކުރިއަށް އޮތް ފަސް އަހަރަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެކުލަވައިލި ކުރިއަށް އޮތް ފަސް އަހަރުގެ އިސްތިރާޖީ ޕްލޭން މިއަދު އިފްތިތާހުކޮށްފިއެވެ.

އޭސީސީން ބުނީ އެ ޕްލޭނަކީ ކޮރަޕްޝަންގެ ރިސްކް ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާ ހުރި ގޮތުގައި ބޭނުންކުރަން އެކުލަވާލި މުހިންމު މަގުޗާޓެެއް ކަމަށެވެ. މައިގަނޑު ފަސް ދާއިރާއަކަށް ބަހާލާފައިވާ އެ ޕްލޭންގެ އަމާޒަކީ ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުން ރައްޔިތުންނަށް ފެންނަ ފަދަ ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީގެ ޕްލޭންގައި ހިމެނޭ ދާއިރާތައް

  1. ގަވާނަންސް އަދި އިދާރީ ތަރައްގީ
  2. އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ހާސިލްކުރުން.
  3. ގައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން.
  4. ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވާނަންސް ހަރުދަނާކުރުން.
  5. ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުން.
އޭސީސީން ބުނި ގޮތުގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ އުމުރުފުރާތަކަކަށް މައުލޫމާތު ދިނުމާއި މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރަން ވެސް އެ ކޮމިޝަނުގެ ޕްލޭންގައި އިސްކަންދީފައިވާނެ އެވެ.

"...އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެ ތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި ޕްރޮކިއުމަންޓް ނިޒާމު މޮނިޓާކުރުން ހަރުދަނާކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ،" އޭސީސީން ބުންޏެވެ.

ކުރިޔަށް އޮތް ފަސްއަހަރަށް އެކުލަވާލާފައިވާ އެ ޕްލޭންގެ އެންމެ މުހިންމު އެއް ބަޔަކީ ސިޔާސީ ދާއިރާގައި ހިންގާ ކޮރަޕްޝަން ހުއްޓުވުން ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރާ އޭސީސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި، އެއްވެސް ފިޔަވަޅެއް ނޭޅި، ކަންތައްތައް ދޫވެގެން ދާތީ އަބަދު ވެސް އެ ވާހަކަ ދެކެވެއެވެ.

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން ދައްކާ އެއް ވާހަކައަކީ އޭސީސީ މިނިވަންކަމާއެކު ހިންގާނެ ވާހަކައާއި ގައުމުގައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ވާހަކައެވެ. ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.

މިހާރު ވެސް އޭސީސީއަށް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުށަހަޅާފައި، ނުބެލި އެބަހުއްޓެވެ. އެހެންވެ، އޭސީސީއަށް އަބަދުވެސް އާންމުންގެ ފާޑުކިޔުން އަމާޒުވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު