ޚަބަރު
ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީ އާއި ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް، ގުޅިގެންމަސައްކަތް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން  މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ.

އޭސީސީން ބުނީ މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން ހަރުދަނާކުރުމެވެ. މީގެ އިތުރުން އޭސީސީއާއި ސްޓެލްކޯގެ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުން ދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން ވެސް މި ފަހުމުނާމާގައި ހިމެނޭކަމަށް އޭސީސީން ބުންޏެވެ.

މީގެ އިތުރަށް މި ފަހުމުނާމާގެ ދަށުން އޭސީސީގެ ޒިންމާތަކުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާއްވާ ވާކްޝޮޕްތަކާއި މަހާސިންތާތަކުގައި އެހީތެރިކަން ދިނުން ވެސް ހިމެނޭކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ. 

މީގެ އިތުރުން، ސްޓެލްކޯގައި އެންޓި ކޮރަޕްޝަން ޕޮލިސީތައް ގާއިމްކުރުމާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ފުރުސަތު ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި  ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު