ހއ.ހޯރަފުށިން ތެލުގެ ވިޔަފާރިކުރުމަށް ބޮޑު ބިމެއް ގަވާއިދާ ހިލާފަށް ކުއްޔަށް ދޫކުރި މައްސަލާގައި އެ ރަށުގެ ކައުންސިލުގެ ކުރީގެ މެންބަރުންނާ ދެކޮޅަށް ދައުވާކޮށްދިނުން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އެ އޮފީހުން ބަލައިގަނެފި އެވެ.
އޭސީސީ އިން މިމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރީލް 20 ވަނަ ދުވަހު އެވެ. ޕީޖީ އޮފީހުން ވަނީ މިމައްސަލަ ބަލައިގެންފަ އެވެ.
މިމައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހއ. ހޯރަފުށީ ކައުންސިލްގެ ނިމިދިޔަ ދައުރުގެ ރައީސް މުހައްމަދު ވަހީދާއި، ނައިބު ރައީސް އަހްމަދު އިމްދާހުގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި، އަހްމަދު ރައޫފާއި، މަރިޔަމް ވަކީލާއާއި، އާމިނަތު ވިސާމާގެ އިތުރުން އާމިނަތު ނާސިހާގެ މައްޗަށެވެ.މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ މި ހިނގާ ދައުރުގައި ވެސް ކައުންސިލަށް އިންތިހާބުވެފައި މެންބަރުން ނެވެ. އެއީ އިމްދާހު، ރައޫފް އަދި ވިސާމާ އެވެ.
އޭސީސީ އިން އެދިފައިވަނީ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށެވެ. ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން 5000 އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ފެބްރުއަރީ 2023ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގެ އާއްމު ޖަލްސާއއެއްގައެވެ. އެ ނިންމުމާ އެއްގޮތަށް ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ބިން ދޫކޮށްފައިވަނީ، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށެވެ.
ހޯރަފުށި ކައުންސިލާ ގުޅޭ ގޮތުން އެލްޖީއޭ އަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން 8 މައްސަލައެއް ބަލައި މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކައުންސިލުގެ ރައީސްގެ މަގާމުން ވަހީދު ތިން މަސް ދުވަހަށް ސަސްޕެންޑު ވެސް ކުރި އެވެ.
އެމްޑީޕީގެ ކައުންސިލެއް އޮތް އެ ރަށުން ގަވާއިދާ ހިލާފަށް ބިން ދޫކުރުމުގެ އިތުރުން ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފާށް ހަރަދު ކޮށްފައި ވުމާއި ރަށުގެ ގޯތިތަކާ އިންވެގެން އޮންނަ ހުސް ބިންތައް ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް އެ ގޯތިތަކަށް އިތުރު ކޮށްދިނުމާއި މާލިއްޔަތު ގަވާއިދާ ހިލާފަށް 2023 ގައި ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ ހިމެނެ އެވެ.
މިދިޔަ އަހަރުގެ އަޟްހާ އީދު ކުޅިވަރާއި ސްޓޭޖު ލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވާއިދާ ހިލާފަށް ހޯރަފުށި ކައުންސިލުން ހަރަދު ކުރި މައްސަލަ އާއި ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމިޓީގައި ތިބޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ ވެސް އޭސީސީން ބެލި އެވެ.
އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައުލޫމާތު ކައުންސިލުން ނުދޭ މައްސަލަ އާއި އީދަށް ރަށުތެރެ ދިއްލައި، ޒީނަތްތެރި ކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓް ކޮށްގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާއި ގަވާއިދާއި ހިލާފަށް ދޫކޮށްފައިވާ ކަމާއި އަދި އެ ތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ ވެސް ބެލި އެވެ.