ޚަބަރު
ޕާޓީތަކަށް ބަޖެޓުން ފައިސާ ނުދޭ ގޮތަށް ހަދަން އެމްއެންޕީން ބިލެއް ހުށަހަޅަނީ
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ނިމުމަކަށް ގެންނަން ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެންޕީ) ގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކަށެވެ.

ރިޔާޒު ވިދާޅުވީ ޕާޓީތަކަށް ވަގަށް މެމްބަރުން ވައްދާ މައްސަލަ ވެސް ހައްލުނުވަނީ ޕާޓީތަކަށް ފައިސާ ދޭތީ ކަމަށެވެ. އެކަން ހުއްޓާލައިފި ނަމަ، ޕާޓީތަކަށް ވަގަށް މެމްބަރުން ވެއްދުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށްވުރެ އެ ބަޖެޓުން ސިއްހީ ދާއިރާ ރަނގަޅުކުރުން މާ މުހިއްމު. އެ މީހުންގެ ސިޔާސީ ނުފޫޒު ވަރުގަދަކުރަން ވެގެން ކަމަށް ގަބޫލުކުރެވެނީ ފައިސާ މި ހޯދަނީ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީތަކަށް ފައިސާ ދިނުން ފިޔަވައި އީސީގެ ދަފްތަރުން ކުރާ އިތުރު ކަމެއް ނެތެވެ. ޕާޓީތަކުގެ އެތެރޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލަނީ އެ ޕާޓީއެއްގެ ދަފްތަރުގައި ތިބި މީހުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ބަޖެޓުން ފައިސާ ދިނަސް ސިޔާސީ ޕާޓީތައް އޮޑިޓެއް ނުކުރޭ އޮޑިޓް އޮފީހުން. މި ފަހުން އެމްޑީޕީ އިންތިހާބުގެ ކެމްޕެއިންގައި ތުހުމަތުކުރި ޕާޓީއަށް ލިބޭ ފައިސާއަށް ކުރާ ކަމެއް ނޭނގެއޭ،" އޭނާ ވިދާޅުވި އެވެ.

މި އަހަރު ވެސް ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފައިވެ އެވެ. އެއީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އިތުރަށް އިދިކޮޅު ޕީޕީއެމް އެވެ. ރާއްޖޭގައި 11 ސިޔާސީ ޕާޓީ ހަރަކާތްތެރިވެ އެވެ.

މި އަހަރުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރި ފައިސާ

1. އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)

2. ޕީޕީއެމް: 8.9 މިލިއަން ރުފިޔާ (34،237 މެންބަރުން)

3. ޖޭޕީ: 5.53 މިލިއަން ރުފިޔާ (20،107 މެންބަރުން)

4. އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެންބަރުން)

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު