ޚަބަރު
އިންޑިއާ އައުޓްއާ ދެކޮޅަށް އެމްޑީޕީން ބާކީނުވޭ ކެމްޕޭން ފަށައިފި
ބާކީ ނުވޭ ކެމްޕޭނު ޕޯސްޓަރެއް
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ 'އިންޑިއާ އައުޓް' ހަރަކާތާ ދެކޮޅަށް 'ބާކީނުވޭ'ގެ ނަމުގައި، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ކެމްޕޭނެއް ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރިއަށްގެންދާ އެ ކެމްޕެއިނުގައި ސަރުކާރުގެ އެކި މަގާމުތަކުގެ ބޭފުޅުންނާއި އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން އެމްޑީޕީން އިއްޔެ އިން ފެށިގެން ވަނީ އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ހޭޝްޓެގެއް ބޭނުން ކުރަން ފަށާފަ އެވެ.

އެމީހުން ބުނާ ގޮތުގައި އިންޑިއާ އަައުޓް ކެމްޕެއިންގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެގެންދެ އެވެ. ރާއްޖެއާއި އިންޑިއާއަކީ އެތައް ގޮތަކުން ގުޅި ލާމެހިފަވާ ޒަމާންވީީ އެކުވެރި ގައުމަކަށް ވާއިރު އިންޑިޔާ އައުޓް ކިއުމަކީ މި ގައުމުގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އެމީހުން ބުނެ އެވެ.

މިކެމްޕޭންގައި ބައިވެރިވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާ އާއި ދެކޮޅަށް ހިންގާ ކެމްޕޭނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫންކަން ސާބިތުވާ ކަމަށެވެ. އެކަން ސާބިތުވަނީ އެކަމުގައި ބައިވެރިވާ މީހުން މަދުކަމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތު ވަނީ ބައިވެރިވާ މީހުން މަދުކަމުން #ބާކީނުވޭ،" ނަޝީދު ވިދާޅުވި އެވެ.


ސަރުކާރުގެ ކެމްޕޭންގައި ބައިވެރިވި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އަލައިކާގެ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ އަކީ އިންޑިއާ އަކީ ކޮންމެ ހާލަތެއްގައި ވެސް ދިވެހިންނަށް އެހީވަމުން އަންނަ ގައުމެއް ކަމަށެވެ. އަދި ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް ދެގައުމުގެ ގުޅުމަށް ބަދަލެއް ނައިސް ދާއިމަށް މިގުޅުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން އާއި ވާދަކުރަން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ކެމްޕޭން ފެށިއިރު "އިންޑިއާ އައުޓް" ކެމްޕޭން މީސް މީޑިއާގައި ހިންގަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. "އިންޑިއާ އައުޓް" ކެމްޕޭނަށް "އަލްޖަޒީރާ" އާއި ދުނިޔޭގެ ބޮޑެތި އެތައް މީޑިއާއެއްގެ ސަމާލުކަން ވެސް މިހާރު ވަނީ ލިބިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މިދިޔަ ތިން އަހަރު ތެރޭގައި އެންމެ ގާތް ގުޅުމެއް ބާއްވާފައި ވަނީ އިންޑިއާއެކު އެވެ. މާލީ ގޮތުން އެންމެ ގިނަ އެހީތަކާއި ލޯނުތައް އަދި ތަރައްގީގެ އެކި މަޝްރޫއުތައް ވެސް ހަވާލު ކޮށްފައި ވަނީ އެ ގައުމުގެ ކުންފުނިތަކާ އެވެ.


 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު