ޚަބަރު
ޔޯގާ ހަރާމޭ ކިޔައިގެން ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ: ރައީސް ނަޝީދު
ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބޭއްވި ހަރަކާތުގެ ތެރެއިން
ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ ކިޔައިގެން ސަލާމަތުގެ އައްސޭރިއަށް ނުދެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަރާމްގެ މަގަށް އަދި ސަލާމަތުގެ އައްސޭރިއަށްވެސް ދެވެން އެބައޮތް ކަމަށެވެ. އަދި ދިވެހީންގެ ދީނީ އަގީދާއަކީ ބައެއްގެ އަމިއްލަ ސިޔާސީ ބޭނުމަކަށް ބަދަލު ކުރެވިގެން ވާނެ އަގީދާއެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވިގެންވެސް ނުވާނެ ކަމަށް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވަނިކޮށް، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެފަދަ ކަންކަމުގައި އެހެން ގައުމުތައް ބާކީވެ، އެކަހެރިވެގެން ހަލާކުގެ އައްސޭރިއަށް ދިޔަ މަންޒަރު ފެނިގެން ގޮސްފައިވާ ކަމަށެވެ.

"މި ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމްކަމެކޭ, ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފުކަމެކޭ, މި ބާވަތުގެ ވާހަކަ ދައްކާ, އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވަން ފަށައިފިނަމަ ދެން އަޅުގަނޑުމެން އެދަނީ ސަލާމަތުގެ އައްސޭރި އަކަށް ނޫން،" ދީނީ މައްސަލަތަކުގައި މީގެ ކުރީންވެސް އިލްމުވެރީންގެ ބަހަށް ގޮންޖަހާ ވާހަކަ ދައްކަވާފައިވާ ކުރީގެ ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ. 

"މިއަދު އަޅުގަނޑުމެން ނިކުމެ މިރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެކޭ ... މި ބާވަތުގެ ވާހަކަ ދައްކާ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމަށް ބުރޫއަރުވާން ފަށައިފިނަމަ ދެން އަޅުގަނޑުމެން އެ ދަނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ހަލާކުގެ އައްސޭރިއަށް ދިޔަ. ގައުމުތައް އަޅުގަނޑުމެން ދެކިއްޖައިމު ބާކީވެ އެކަހެރިވެގެން ދިޔަ. އަޅުގަނޑުމެންގެ ގައުމު އެ ހާލަތަށް ދިއުމަށް އަޅުގަނޑުމެންނަށް ޖާގަ ދެވިގެނެއް ނުވާނެ،" 

އެގޮތުން ގައުމުތައް ހަލާކުގެ އައްސޭރިއަށް އަދި ބާކީވެ އެކަހެރިވި މަންޒަރު ވެސް ފެނިފައިވާ ކަމަށާއި ރާއްޖެ އެ ހާލަތަށް ދިޔުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުން އެދޭ ރާއްޖެ އަށް ހޯދައިދިނުމަކީ އެމްޑީޕީގެ އަބަދުވެސް އަމާޒު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"ކުރިއަށް އޮތްތަނުގައި ވެސް އެ މަގުސަދު ހާސިލުކޮށްދޭނެ ޕާޓީއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމްޑީޕީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ މިދިޔަ ހަފްތާގައި ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުންތަކެއް ހިންގާފައިވާ ދަނޑިވަޅެއްގަ އެވެ. އެ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ 19 މީހަކު ހައްޔަރުކޮށްފަ އެވެ.

ޔޯގާ ހެދުން ހަރާމް ކަމަށް ދީނީ އިލްމުވެރީން ވިދާޅުވާތީ ކުރީގެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ވަރަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްލިމަކު ޔޯގާ ހެދުން ހުއްދަ ވެގެން ނުވެއެވެ.

ޔޯގާ ފާހަގަކުރި ހަރަކާތުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށާއި، އެއީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ ކިބައިން ވެސް އެ މިނިސްޓްރީން އޮތީ އެދިފަ އެވެ.

"އިސްވެ ދެންނެވި ސަބަބުތަކާ ހެދި، އިސްލާމީ ޝަރީއަތާ ހިލާފްކަމަކަށްވާތީ އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށް ވާތީ، އިސްލާމީ ޝަރީއަތާއި ގާނޫނާއި ގަވައިދުތައް ނެގެހެއްޓުމަށް، މި ފަދަ ކަންތައް ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއި ކުރައްވައި، ފޮނުއްވި ސިޓީގައި ބުނެފައި ވެ އެވެ.

އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު