ޚަބަރު
ކުޅުދުއްފުށީ ހޮސްޕިޓާ ހިންގި އިންޑިއާ ކުންފުންޏަށް ބަދަލުގެ ގޮތުގައި 29 މިލިއަން!
ކުޅުދުއްފުށި ހޮސްޕިޓަލް
ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ލިމިޓެޑް (އެންއައިއައި)އާއެކު ވެފައިވާ އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދޭން ޖެހުނުކަން އޮޑިޓާ ޖެނެރަލް އޮފީހުގެ އެސެސްމެންޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އެންއައިއައި އިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގި މުއްދަތުގައި ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގު ހޯދުމަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ބިލްތަކާ ގުޅޭ އެސެސްމަންޓް ރިޕޯޓުގައިވާ ގޮތުން، އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ (އެންއައިއައި) އާ ކުޅުދުއްފުށި ހޮސްޕިޓަލް ހިންގަން 50 އަހަރަށް ހަވާލުކުރި އެއްބަސްވުން ބާތިލު ކުރީ މި ސަރުކާރުގައި އޮކްޓޫބަރު 27 2019 ވަނަ އަހަރު އެވެ.

އެ އަހަރުގެ ނޮވެންބަރު މަހާއި ޑިސެމްބަރު މަހު އެ ފައިސާ ފިނޭންސް މިނިސްޓްރީން އެންއައިއައި އަށް ވަނީ ދީފަ އެވެ.

އެއްބަސްވުން އުވާލީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު ބޮޑެތި މައްސަލަތަކެއް އުފެދި، އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ހިންގޭ ގޮތް ނުވުމުންނެވެ.

އޮޑިޓަ ޖެނެރަލް އޮފީހުގެ އެސެސްމެންޓް ރިޕޯޓުގައި ދެން ފާހަގަކޮށްފައިވާ ގޮތުގައި އެންއައިއައި އިން ކުޅުދުއްފުށި ހޮސްޕިޓަލް ހިންގި ދުވަސްވަރު އެކި ފަރާތްތަކުން 157 ބިލެއް ފޮނުވާފައި ވެ އެވެ. އެ ބިލްތަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 1.9 މިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން 1.7 މިލިއަން ރުފިޔާ 127 ބިލަކަށް ދައްކާފައެއް ނުވެ އެވެ.

އެންއައިއައި އަށް އާސަންދައިން 16،668،075ރ. ދޭންޖެހޭއިރު ސީޓީ ސްކޭން މެޝިން އަދި އެއަށް ބޭނުންވާ އިކުއިޕްމަންޓްގެ އަގުގެ ގޮތުގައި 2،467،200ރ. ދޭންޖެހެ އެވެ. އޭގެ އިތުރުން ޑެންޓަލް އެޗާ އަދި އެކްސެސަރީޒަށް 208،278ރ. އާއި އެކޯ މެޝިނަށް 593،027ރ. ދޭންޖެހެ އެވެ.

އޭގެ އިތުރުން މެޑިކަލް ކޮންސިއުމަބަލްސްއަށާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ހަރަދުގެ ގޮތުގައި 9،081،813ރ. ދޭން ޖެހެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން އެންއައިއައި އާ ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. ހޮސްޕިޓަލް ހިންގުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި އެންއައިއައިއާ ދެމެދު ސޮއިކުރީ ޖޫން 20، 2017ގައި 50 އަހަރުގެ މުއްދަތަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިބޭ ސާފު ފައިދާގެ 30 ޕަސަންޓް ސަރުކާރަށް ލިބޭ ގޮތަށް މި އެއްބަސްވުމުގެ ދަށުން ހަމަޖައްސާފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނިގޮތުގައި އެންއައިއައި އާއި ދިވެހި ސަރުކާރާ ދެމެދު ސެޓުލްމެންޓް އެގްރީމެންޓް ހެދި އިރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާ ދެއްކުމާ ގުޅޭ ގޮތުން ވަކި ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި އެ ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ޒިންމާއެއް އެންއައިއައިގެ މަތިން ކެނޑިފައިވާތީ، ބިލްތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ޖެހޭނީ ހެލްތް މިނިސްޓްރީ އަށް ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ކުރިމަގުގައި މިފަދަ ސެޓުލްމެންޓް އެގްރީމެންޓްތައް ހަދާ އިރު އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތައް ހުރިތޯ ބަލާއި އެ ބިލްތަކަށް ފައިސާ ދައްކަންޖެހޭ ފަރާތް ބަޔާންކޮށް، އަމަލު ކުރާނެ ގޮތް ސާފުކޮށް، އެގްރީމެންޓްގައި އޮންނަން ޖެހޭނެ ކަމަށެވެ. އެ ބިލްތަކަށް ދައުލަތުން ފައިސާ ދައްކާ އިރު، ބިލްތަކުގައި ބަޔާންކޮށްފައިވާ ތަކެއްޗަކީ ކުޅުދުއްފުށި ހޮސްޕިޓަލާއި ލިބިފައިވާ މުދަލާއި ހިދުމަތްތަކެއް ކަން ކަށަވަރު ކުރުމަށް ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ހދ، ކުޅުދުއްފުއްޓަކީ 10،000 ގެ އާބާދީއެއް އޮންނަ ރަށެކެވެ. ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލަކީ އެ ރަށުގެ ރައްޔިތުންގެ އިތުރުން ހއ. ހދ. އަދި ށ. އަތޮޅުގައި ދިރިއުޅޭ 72،000 ރައްޔިތުން ހިދުމަތް ހޯދަން ދާ ތަނަކަށްވުމުން ކުޅުދުއްފުށީ ހޮސްޕިޓާގެ ސިއްހީހިދުމަތް ކަށަވަރުވެފައި އޮތުން ނުހަނު ބޭނުމެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު