8،000 ވަރަކަށް މުވައްޒަފުން އުޅޭ ފެނަކައިން ޕޭ ލީވާއި ނޯޕޭ ލީވް ދިނުން މަޑުޖައްސާލައިފި
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަފީފް، ފެނަކައިން ދަނީ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަމުން -
8،000 ވަރަކަށް މުވައްޒަފުން އުޅޭ ފެނަކަ ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ކުންފުންޏަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް ޕޭ ލީވް އާއި ނޯ ޕޭ ލީވް ދިނުން މަޑުޖައްސާލަން ނިންމައިފި އެވެ.
މިދިޔަ އޭޕްރިލް މަހުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު އަފީފް ހަވާލުވެވަޑައިގަތުމަށްފަހު އެ ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ވެސް ހުޅުވާލާފަ އެވެ. އެކަމަށް އެދި ހުށަހަޅަން އިއްޔެއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ދީފަ އެވެ.
މީގެއިތުރުން މިފަހުން އެ ކުންފުނިން ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ވަނީ ހުރިހާ ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދުމަށްފަހު އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހެޑް އޮފީހަށް ފޮނުވަން ޖެހޭނެ ކަމަށް ބުނެފަ އެވެ.އަދި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ދޭ ޗުއްޓީ (ޕޭ ލީވް)އާއި މުސާރަ ނުލިބޭ ގޮތަށް ދޭ ޗުއްޓީ (ނޯޕޭ ލީވް) 04 ޖޫން ފެށިގެން ވަގުތީގޮތުން މެދުކަނޑާލައިފައިވާ ކަމަށް އެ ސާކިއުލާގައި ވެއެވެ.ފެނަކައަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްވާއިރު، އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ކުރެވިފައި ވެއެވެ. އެގޮތުން، އިންތިހާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.