ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން, ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް މިއަދު ހުޅުވާލައިފިއެވެ.
ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހުސައިން ސޮއިކުރައްވައި ނެރުއްވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން އަމިއްލައަށް އެދިގެން އެ ކުންފުނިން ވަކިވާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭނެ އެވެ.
އެކަމަށް އެދި ހުށަހަޅަން މާދަމާއިން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ވެސް އެ މެމޯގައި ބުނެފައި ވެއެވެ. މި ފުރުސަތު ދެނީ އެ ކުންފުނިން މުވައްޒަފުން މަދުކުރުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިންކަމަށް، މެމޯގައި ވަނީ ބުނެފަ އެވެ. ހަތަރު މަސްދުވަހުގެ މުސާރައާ އެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތުގެ އިތުރުން، އާލީ ރިޓަޔާމެންޓް ޕްރޮގްރާމްގެ ދަށުން ރިޓަޔާވުމުގެ ފުރުސަތު ވެސް މެމޯގައި ވާ ގޮތުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.ނިމިގެންދިޔަ އިންތިހާބާ ދިމާކޮށް ރަށްރަށުގައި ފެނަކައިން އެތައް ސަތޭކަ ވަޒީފާއެއް އުފެއްދި އެވެ. އެ ވަޒީފާތައް ދީފައިވަނީ ސަރުކާރަށް މެޖޯރިޓީ ހޯދުމުގެ ގޮތުންނެވެ. މިއީ ހަމައެކަނި މި ސަރުކާރުން ކަން ކޮށްފައިވާ ގޮތެއް ނޫނެވެ. ކޮންމެ ސަރުކާރަކުން ވެސް ފެނަކަ ބޭނުންކޮށްފައިވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ވަޒީފާ އުފެއްދުމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. އެކަމަކު ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު ކުންފުންޏަކީ ވެސް ފެނަކަ އެވެ. ފެނަކައިން ހިދުމަތް ދޭ ބައެއް ރަށްރަށުގެ އިންޖީނުގެތަކާ ސްޓެލްކޯއިން ދާދިފަހުން ވަނީ ހަވާލުވެފަ އެވެ.