ޚަބަރު
މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިއްޖެ
މި ހަފްތާ ތެރޭ މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް)ގެ ދެ ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.

މި ކޭސްތަކާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވަނީ އަޅަން ފަށާފައި ކަމަށް އެ އިދާރާއިން ބުންޏެވެ. ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށްޓަކައި ކޭސް އިންވެސްޓިގޭޝަން ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ބަލިޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމާއި، އެ ފަރާތްތަކަށް ބޭނުންވާ ވެކްސިން ދިނުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ބަލީގެ ފުރަތަމަ ކޮޅު ފްލޫގެ އަލާމާތްތައް ފެންނަހެން ހީވުމާއެކު ގަދަޔަަށް ހުން އައިސް، ވަރުބަލިވުމާއި އަރިދަފުސް އެޅުމާއި ކެއްސުމާއި، ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނެގުމާ އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. 

ހިމަބިހީގެ އަލާމާތެއް ރާއްޖޭން ނުފެންނަތާ ތިން އަހަރު ވުމުން މި ސަރަހައްދުން މީސްލްސް ނައްތާލެވިފައިވާ ފުރަތަމަ ގައުމުގެ ލަގަބު ޖޫން، 2017 ގައި ރާއްޖެއަށް ލިބިފައިވެ އެވެ.

ނަމަވެސް 2020 ވަނަ އަހަރާ 2023 ވަނަ އަހަރު ވެސް ވަނީ ހިމަބިހީގެ ކޭސްތަކެއް ރާއްޖޭން ފެނިފަ އެވެ. އެ ދެ ފަހަރުވެސް ވަނީ ވެކްސިން ދީ، ބަލި ޖެހުން ކޮންޓްރޯލް ކޮށްފަ އެވެ.

ހިމަބިއްސަކީ ވަރަށް ހަލުވިކޮށް ފެތުރޭ، ބަލިޖެހޭ ކުޑަކުދިންގެ ފުރާނައަށް ވެސް ނުރައްކާ ކުރާ ބައްޔެކެވެ. ރާއްޖޭގައި މި ބައްޔަށް ވެކްސިން ދޭންފެށީ 1981 ވަނަ އަހަރު އެވެ. ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ވެކްސިން ދޭން ފެށީ 2007 ވަނަ އަހަރު އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު