ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު އާ ބައްދަލުކުރައްވައިފި އެވެ. 
ނިއު ދިއްލީގައި މިއަދު އޮތް މި ބައްދަލު ކުރެއްވުމުގައި ދެ ވަޒީރުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރު އިރުތިޝާމްގެ މި ދަތުރަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.
މިއީ ފޮރިން މިނިސްޓަރުކަމާ އިރުތިޝާމް ހަވާލުވެ ވަޑައިގެން ފަހުން ރާއްޖެއިން ބޭރަށް ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ކުރިން ހުންނެވި އިރުތިޝާމް ފޮރިން މިނިސްޓަރު ކަމަށް އައްޔަންކުރެއްވީ މިދިޔަ މަހު 14 ގަ އެވެ. އޭގެ ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވީ ޑރ. އަބްދުﷲ ހަލީލެވެ. އިރުތިޝާމަކީ މި ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ.