ޚަބަރު
އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ރާއްޖެ އިންތިހާބުވެއްޖެ
އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.

އިކޮސޮކްއަކީ އދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. މި މަޖިލީހަކީ އދ. ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖީލީހެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހިމެނޭހެން، ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްވަމުންދާ މިންވަރު ބަލައި މުރާޖަޢާކުރުމުގައިވެސް އިކޮސޮކް އިން މުހިންމު ދައުރެއް އަދާކުރެ އެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ އދ. ގެ އާއްމު މެމްބަރަކަށް 1965 ވަނަ އަހަރުވުމަށް ފަހު، މިވީ 61 އަހަރުގެ ތެރޭގައި އިކޮސޮކް އަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރު ކަމަށެވެ.

އެ މަޖިލީހުގައި ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ އާ އަހަރާ އެކު ޖެނުއަރީ، 2027 ގަ އެވެ. އަދި ދެ އަހަރުގެ ދައުރު ހަމަވާނީ ޑިސެމްބަރު 31، 2029 ގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އިންތިހާބު ކާމިޔާބުކުރީ 183 ވޯޓުން ކަމަށެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާ އެކު ދެން ހޮވުނީ މެލޭޝިއާ އަދި ސައުތު ކޮރެއާ އެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ އިކޮސޮކްއަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވުމަކީ ގައުމަށް ލިބުނު ފަހުރުވެރި އަދި ތާރީހީ ކާމިޔާބީއެއް ކަމަށެވެ.

"މިއީ ބައިނަލްއަގުވާމީ މުޖުތަމައިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް. އަދި ރާއްޖެއަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް. ހަމައެއާއެކު ދެމެހެއްޓެނިވި ތަރައްގީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއް،" އިރްތިޝާމް ވިދާޅުވި އެވެ.

އދ. ޖަމްއިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ އިކޮސޮކަށް ރާއްޖެ އިންތިހާބުވުމަކީ ލިބުނު މަތިވެރި ޝަރަފެއްގެ އިތުރުން، ޒިންމާއެއް ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު