އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލުމުގެ ސަބަބުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ތެޔޮ ޓޭންކަރަކަށް، ރޭގަނޑުގެ ވަގުތެއްގައި އިންޑިއާ ކަނޑުން އެމެރިކާގެ ސިފައިން އަރާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބުނެފި އެވެ.
އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހިންގާ ގައިރުގާނޫނީ ނެޓްވޯކްތައް ރޫޅާލުމަށާއި، އީރާނަށް މާއްދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ހުއްޓުވުމަށް ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ވިޔަސް ކަނޑުމަގުން ބަލައިފާސްކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.މިފަހަރު ހިފެހެއްޓި "ޑެވީނާ" އަކީ އީރާނުގެ ތެޔޮ ޗައިނާއަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައި 2024 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ޓްރެޒަރީން ބްލެކްލިސްޓްކޮށް، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެކެވެ.ފެބުރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ފަހު، އީރާންގެ ސިފައިން ވަނީ ގަލްފް ސަރަހައްދާއި އިންޑިއާ ކަނޑު ގުޅުވައިދޭސްޓްރެޓީޖިކް ކަނޑުއޮޅިއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ކަނޑުމަގުން ހިސާރުކޮށްފަ އެވެ.