ޚަބަރު
ހަޅޭލަވާ އަޑުގަދަކުރުމުން ޖާބިރުގެ ނަން އިއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވުމުން ވެސް ތަޅުމުން ނުނިކުތުމުން، ޖާބިރު މަޖިލީހުގައި ނެތްކަމަށް ބަަލައި، މަޖިލިސް ކުރިއަށް ގެންގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނުއިރު މިނިސްޓަރު ސައީދު އިންނެވީ ސުވާލަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުވެއެވެ. ޖަލްސާ ފެށުނުއިރުވެސް ޖާބިރު ގެންދިޔައީ މިނިސްޓަރު ސައީދު އިންނެވި މޭޒުކޮޅު ކައިރިއަށް ގޮސްވެސް ހަޅޭލަވާ އަޑުގަދަ ކުރަމުންނެވެ.

އޭގެފަހުން މިނިސްޓަރު ސައީދުއާ މެންބަރުން ސުވާލު ކުރުމަށް ފެށުމުންވެސް ޖާބިރުވަނީ ޖަލްސާއަށް ހުރަސްއެޅޭގޮތަށް އަޑުގަދަކޮށްފަ އެވެ.

"އަޅުގަނޑު ހަނދާނަށް އަންނަނީ އަޅިގަނޑުގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ. މީނާ އިކޮނޮމިކް މިނިސްޓަރުކަމުގައި އެމްއެމްޕީއާރްސީން ކުރި ވައްކަން ކޮބައިތޯ،" ނިޒާމީ ނުކުތާއެއް ނަންގަވައި ޖާބިރު ވިދާޅުވި އެެވެ.

އެއާއެކު ވެސް އެކި މެމްބަރުންގެ ފުރުސަތުތަކުގެ ތެރެއިން ޖާބިރު ގެންދެވީ އަޑުގަަދަ ކުރައްވަމުންނެވެ. ތަކުރާރުކޮށް ނަން އިއްވައި ތަޅުމުން ނިކުންނަށް ނަން އިއްވުމުން ވެސް ޖާބިރު ހުންނެވީއެވެ. އަދި ރިޔާސަތު ކުރިމަތީ ބިންތީގައި އިށީނދެ އިންނެވީ އެވެ.

"ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވުމުން ވެސް އިއްޒަތްތެރި މެމްބަރު މަޖިލީހުގެ ތަޅުން ދޫކުރައްވައި ބޭރަށް ވަޑައިނުގަތުމުން މަޖިލީހުގެ ގަވައިދުގެ 65ވަނަ މާއްދާގެ (ކ)ގައި ބަޔާންކުރާ ގޮތުގެ މަތިން އެ އިއްޒަތްތެރި މެމްބަރު މަޖިލީހުގައި ނެތްކަމަށް ބަލައި އަޅުގަނޑު ޖަލްސާ ކުރިއަށްގެންދާނަން،" ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު