ޚަބަރު
ސަފީރުންނަށް ރުހުން ދިނުން ލަސްވާތީ ރައީސްގެ ކަންބޮޑުވުން
އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްގޮތަކަށް ވެސް އެއްބާރުލުން ދެމުން ނުދާ ކަމަށާއި، ސަފީރުންނަށް ރުހުން ނުދީ ހިފަހައްޓަމުންދާތީ އެ ބޭފުޅުން ވެސް ގައުމުތަކަށް ނުފޮނުވި ލަސްވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން މާވަށުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހަކީ މުހިންމު ތަނެއް ކަމަށް ވިދާޅުވެފަ އެވެ. މިވަގުތު އޮތް މަޖިލީހުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވާ ވާހަކަ ރައީސް މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"މިހާރު މަޖިލީހުގެ ކޮމިޓީގައި މިއޮތީ އަޅުގަނޑުމެން ބޭރަށް ފޮނުވާ ސަފީރުންނަށް ދޭން ޖެހޭ ރުހުން ހޯދުމަށް. މިއީ އަސްލުގައި ވަރަށް ކުޑަ ކަމެއް. އެކަމަކު އެ ކޮމިޓީ ނުބާއްވަ ދެއްވައޭ. ނުބޭއްވި. ހަމަ ދިގުލައިގެން އެ ދަނީ. ސަފީރުން އެ ތިބީ ނުފޮނުވިފައި," އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެ ފާހަގަކުރެއްވީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީ ނުބާއްވާ ކަމެވެ. ރައީސް މިހާރު ވަނީ ހައެއްގަ ގައުމަށް ސަފީރުން އައްޔަނުކުރަން މަޖިލީހަށް ފޮނުއްވާފަ އެވެ. އެ ނަންތައް ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވާފައިވީ ނަމަވެސް މަޖިލީސް ކުރިއަކަށް ނުގެންދެ އެވެ.

ސަފީރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވީ ފެބްރުއަރީ 6, އަދި މާޗު 13, ގަ އެވެ. ފުރަތަމަ ތިން ނަން ފޮނުއްވިއިރު ދެވަނަ ބުރުގައި ފޮނުއްވީ ދެ ނަމެވެ. އެ ހުރިހާ މައްސަލައެއް ވެސް އޮތީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގަ އެވެ.

އެ ނަންތަކަކީ;

  • މަސްއޫދު އިމާދު - ސްރީލަންކާ
  • ޑރ. މަރިޔަމް ޝަބީން - މެލޭޝިއާ
  • ގީލާ އަލީ - ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން
  • މުހައްމަދު ލުވޭޒް - ސިންގަޕޫރު
  • ޑރ. ސަލްމާ ރަޝީދު - ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާ ދާއިމީ މަންދޫބު
ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ކޮންމެހެން ލިބިގެން ކަމަށް ރައީސް ދަނީ ވިދާޅުވަމުންނެވެ.

ނަމަވެސް އެމްޑީޕީން ބުނަނީ ސަރުކާރު ޖަވާބުދާރީ ކުރަން އިދިކޮޅު މެމްބަރުން މަޖިލީހުގައި ތިބެން ޖެހޭ ކަމަށާއި ސަރުކާރަށް ހުރިހާ ބާރެއް ދީފި ނަމަ ގައުމުގެ މިސްރާބު ނުބައި ދިމާލަކަށް ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު