ޚަބަރު
ވިނަރެސް ފްލެޓުތަކަށް އޮންލައިންކޮށް ހުށަހެޅި ފޯމުތައް ބާތިލްކޮށްފި
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ފޯމް ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައި ވާތީ، އެޕްލިކޭޝަންތައް ބާތިލް ކޮށްފި އެވެ.


ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން މިދިޔަ އަހަރު ނޮވެމްބަރ 5 ވަނަ ދުވަހު އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއިން އެޕާޓްމަންޓް ގަތުމަށް ހުޅުވާލިއެވެ. ނަމަވެސް އެ ފުރުޞަތުގެ ބޭނުން ހިފައި ފޯމު ހުށަހެޅުމަށް ގިނަ ބަޔަކަށް މައްސަލަތަކެއް އެދުވަހު ކުރިމަތިވިއެވެ. އެގޮތުން ގިނަ ބަޔަކު ވަނީ ފޯމު ހުށަހެޅުމުގައި އެދުވަހު ދިމާވި މައްސަލަތައް ބަޔާންކޮށް އެޗްޑީސީއަށް ގިނަ ޝަކުވާތަތަކެއް ހުށަހަޅާފަ އެވެ.

އެކުންފުންޏަށް ލިބުނު ޝަކުވާތަކާއި ގުޅިގެން އެ މައްސަލަ ބެލިބެލުމުން ޕޯޓަލްއަށް ފޯމު ހުށަހެޅުމުގައި މައްސަލަތަކެއް ދިމާވިކަން ފާހަގަވިކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މިއާއެކު ގިނަބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ގެއްލިފައިވުމުން އޮންލައިންކޮށް ހުށަހެޅި އެފޯމުތައް ބާތިލް ކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. 

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ފަށާފައިވާ އެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި ވުމުން ބޯހިޔާވަހިކަން ލިބިފައިނުވާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެޗްޑީސީއަށް ލިބޭ ކަމަށެވެ.

އެފަދަ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މިހާރުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވިނަރެސްއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދޭން މަސައްކަތް ކުރަމުން ދާތީ، ވިނަރެސްއިން ފްލެޓް ވިއްކަން އިތުރަށް ހުޅުވާނުލާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވިނަރެސް އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ލިބިފައި ވާތީ، އެފަދަ ކަންކަމަށް ސަމާލުވާން ވެސް އެޗްޑީސީއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ވިނަރެސްއަކީ ހުޅުމާލޭގައި އެޗްޑީސީއިން ހިންގި މަޝްރޫއެކެވެ. ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިންގ ޔުނިޓެވެ. މިއީ 3 ކޮޓަރީގެ އެޕާޓްމެންޓުތަކެކެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު