ޚަބަރު
ބައްސާމް ހައްގުތައް ގެއްލޭ ގޮތަށް ހިޔާލުފާޅު ނުކުރަން އަންގައިފި
ބައްސާމް އަދީލް ޖަލީލް: ފޮޓޯ: ސަން
ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުށެއް ސާބިތުވުމުގެ ކުރިން އޭނާއަކީ ކުށްވެރިއެއް ކަމަށް ބެލެވޭ މޭރުމަކުން ހިޔާލު ފާޅު ނުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރެނީ ބައްސާމްގެ ފަރާތުން ކޯޓުގައި އެގޮތަށް އެދިގެންނެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ ދައުވާ އާ ގުޅިގެން އެ ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން އެ ހައްގަށް އަސަރު ކުރާ ގޮތަށް އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުން ހިޔާލު ފާޅުކޮށް ނުހެދުމަށް އަމުރު ކުރާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ވެބްސައިޓްގައި "ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެތައް ފައިސާއަކަށް ވަނީ ޚިޔާނާތްތެރިވެފަ" މި ލިޔުމުގެ ދަށުން، އެފްއޭއެމްއަށް ފީފާއިން ދޭ ފައިސާ އެފްއޭއެމްގެ ރައީސާއި އެފް.އޭ.އެމްގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރަމުންދާ ކަމަށް އެ އޮފީހަށް ލިިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ މައްޗަށް މައްސަލަ ތަހުގީގު ކުރުމުގެ އަމުރެއް ޕީޖީ ނެރުއްވިކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި މީގެ އިތުރުން މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ބައެއް ހެކިތަކުގެ ތަފްސީލު ވެސް މި ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.

ބައްސާމްގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ހިޔާނާތްތެރިވުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު، އެ އަޑުއެހުމުގައި ބައްސާމްގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ފުރުން މަނާ ކުރުމަށެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް އޭނާ ވަނީ ތައިލެންޑުގައި ބޭއްވި ފީފާގެ ކޮންގްރެސްގައި ބައިވެރިވުމަށް ވެސް ނަން ހުށަހަޅާފަ އެވެ. 

ޕީޖީން މީގެ ކުރިން ބުނީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ޕްރޮޕަޓީސް ގަނެފައިވާކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، ޢާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ޕީޖީން ބުނީ މި މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި ތަހުގީގު ނިމޭ ވަރަކުން ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށެވެ.

ބައްސާމަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތު ވެސް އޮތް މީހެކެވެ. އެ މައްސަލަ ވެސް އޮތީ އޭސީސީ ތަހުގީގު މަރުޙަލާގައި ކަމަށް ޕީޖީން ބުންޏެވެ.

މަނީ ލޯންޑަރިންއާއި ހިޔާނާތުގެ ދައުވާ އުފުލާފައިވާ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ބައްސާމްގެ ޕާސްޕޯޓް މިދިޔަ ޑިސެންބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައިވެ އެވެ.

އެއަށްފަހު ދައުލަތުން ވަނީ ޝަރީއަތް ނިމެންދެން ބައްސާމްގެ ޕާސްޕޯޓު ހިފަހައްޓަން އަމުރަކަށް އެދިފައެވެ. އެއާއެކު ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ އަމުރު ނެރެދީފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު