ކުޅިވަރު
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް ކުރީގެ ޕީޖީ މުއިއްޒު
އެފްއޭއެމްގެ ޗެއާމަންކަމުން ވަކިކުރި ޒުހޫރު (ވ) އަދި މިހާރުގެ ޗެއާމަން މުއިއްޒު (މ)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިިވްސް (އެފްއޭއެމް) ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން މަގާމުން ވަކިކޮށް އެ މަގާމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު، ފީފާއިން އިއްޔެ އައްޔަންކޮށްފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ހާލަތު ބޮއްސުންލައިގެން ދިއުމުން ފީފާއިން އެ މައްސަލައަށް ވަދެ، އެފްއޭއެމް ނޯމަލައިޒް ކުރީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތެރޭގައެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީކޮޅުގައި ޕްރެސްއެއް ބޭއްވި ނަމަވެސް، މިހާރު އަޑު މަޑުވެފައިވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް އާންމުންނާ ހަމައަށް ނުފެނި ގިނަ ދުވަސްތަކެއްވެފައިވާތީ، އެކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

އެހާލަތުގައި ނޯމަލައިޒޭޝަން ކޮމިޓީ އޮތުމާއެކު ފީފާއިން އެ ކޮމިޓީގެ ކޮމްޕޮސިޝަންއަށް ބަދަލު ގެނެސް، ކޮމިޓީގެ އަދަދު ފަހަކުން ތިނަކަށް ވަނީ ކުޑަކޮށްފައެވެ. އެ ބަދަލާއެކު ޒުހޫރަށް މަގާމު ގެއްލުމުގެ އިތުރުން ދެން މަގާމު ގެއްލުނީ މިއަދު ކުރިން އިސްތިއުފާދިން އަހުމަދު އަލީއަށެވެ.

މިހާރު ނޯމަލައިޒޭޝަން ކޮމިޓީގައި ހިމެނެނީ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފްގެ އިތުރުން، ގާނޫނީ ވަކީލު އިސްމާއީލް ސިމަން އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒެވެ. ފީފާއިން ނިންމި ނިންމުމާއެކު މިހާރު އާ ޗެއާމަނަކީ މުއިއްޒެވެ.

މި މަހުގެ ތެރޭގައި އެފްއޭއެމްގެ އެތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގި އެވެ. ޖެނަރަލް ސެކްރެޓަރީ ނާހިލް ސިއްދީގް އިސްތިއުފާ ދިނީ ވެސް މި މަހު އެވެ. އެކްޓިން ޖެނަރަލް ސެކްރެޓަރީކަން މި ވަގުތު ކުރައްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއު އެވެ.

ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގެ ގޮތުގައި އެ ފެޑެރޭޝަނުން ދީފައި ވަނީ އެއް އަހަރު ދުވަހެވެ. ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ ޖުލައި 31 ގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު