ޚަބަރު
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށަން އެމްޕީއެލްއާ ހަވާލުކޮށްފި
ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކޮށް، ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުމަށް އިކޮނޮމިކް މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.

އެންމެ އުތުރުގެ ހަަތަރު އަތޮޅަށް ވެސް ހިދުމަތް ފޯރުކޮށްދޭ ގޮތަށް، 'ލޮޖިސްޓިކް ހަބް'އެއް ތަރައްގީ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ވައުދާ އެއްގޮތަށް މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް މިއަދު ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދެވެ.

މި އެއްބަސްވުމުގައި:

  • އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ސީއީއޯ މުހައްމަދު ރިޝްވާން

  • އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު


އިކޮނިމިކް މިނިސްޓްރީ އާއި އެމްޕީއެލްގެ ފަރާތުން މިއަދު ނެރުނު ޖޮއިންޓް ޕްރެސް ރިލީޒްއެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ބަނދަރަކީ، ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެއް ކަމަށެވެ.

މި މަޝްރޫއުގެ އަމާޒަކީ ހއ. ހދ. ށ. ނ. އަދި ވަށައިގެންވާ ރަށްތަކަށް ހިތުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުމެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަ މި މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށާއި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރި އާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކަތެރިކަމާއެކު ބެހެއްޓޭނެ ވަސީލަތްތައް ގާއިމްކުރުމަށް ރޭވިފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދުފުޅެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، މި މަޝްރޫއު ފެށުމަށް ސޮއިކުރި މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުން ދެކުނަށް ޝެޑިއުލްކޮށްގެން މުދާ އުފުލޭނެ ނިޒާމެއް ގާއިމްކުރަން އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިން އެފިޝިއެންސީ އިތުރުކޮށް މުދާ ގެނައުމަށް ކުރަންޖެހޭ ޚަރަދު ކުޑަކޮށް، ހެޔޮ އަގެއްގައި އަތޮޅުތެރެއަށް މުދާ އެތެރެކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ލާމަރުކަޒީ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު