ޚަބަރު
ހުރިހާ އަތޮޅު ހޮސްޕިޓަލުގައި މިއަހަރު ޑައިލިސިސް ހަދަން ފަށަނީ
އޭދަފުށީ ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރުގައި ނަރުހަކު މަސައްކަތްކުރަނީ.-- ފޮޓޯ: އޭދަފުށީ ހޮސްޕިޓަލް
ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ، ސަރުކާރުގެ މައި ހޮސްޕިޓަލަށް އޮތް ޑިމާންޑު ކުޑަ ކުރުމަށް އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން، އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، އާ ހިދުމަތްތައް ފެށުމަކީ އެއް ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލްތަކުގައި މީގެ ކުރިން ނުލިބޭ އެމްއާރުއައި، ސީޓީ ސްކޭން އަދި ޑައިލިސިސް ހިދުމަތް ހުރިހާ އަތޮޅަކަށް ފުޅާކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި އަހަރުގެ ތެރޭގައި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސްގެ ހިދުމަތް ފެށިގެން ދާނެ ކަމަށް. ހަމައެއާއެކު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ތިނަދޫގައި ހުރި ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މި ތަންތަނުގައި ހިދުމަތް ރަނގަޅުކުރުމަށްޓަކައި ހާއްސަ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރިއަށް އެބަ ގެންދަން." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ސިއްޚީ ފެންވަރު ރަނގަޅުވެގެން ދިޔުމުން ފަރުވާއަށް ރަށްރަށުން އައިޖީއެމްއެޗަށް އަންނަ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައި ޑައިލިސިސް ހެދެއެވެ. އޭގެ އިތުރުން ރީޖަނަލް ގިނަ ހޮސްޕިޓަލްތަކާއި ފުވައްމުލަކު އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އެ ފަރުވާ ލިބެ އެވެ. ބ. އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލު އަދި ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން މީގެ ދޮޅު އަހަރުކުރިން ވަނީ ޑައިލިސިސްގެ ހިދުމަތް ފަށައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު