ޚަބަރު
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން ކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.

ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ.

އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ އޭނާ 15 ދުވަހަށް ބަންދުކުރަން ނެރުނު އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ވެސް ރަނގަޅު ކަމަށެވެ.

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްގެންނެވެ. ނަމަވެސް އިސްތިއުނާފު އަޑުއެހުމުގައި އޭނާގެ ވަކީލު ވިދާޅުވީ ޝަމްއާން ނުފޫޒު ފޯރުވަން ޖެހޭ ހެއްކެއް ނުހުންނާނެ ކަމަށާއި ދެކޮޅަށް ހެކި ދިން މީހުން ވެސް ޝަމްއާންއަށް ނޭނގޭ ކަމަށެވެ.

ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ.

ފުލުހުން ޝަމްއާން ހައްޔަރު ކުރީ މާޗް 22، ގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު