ޚަބަރު
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓުގައި ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ފަނޑިޔާރުކަން ކުރައްވަމުން ގެންދެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އިއްޔެ އައްޔަން ކުރެއްވުމުންނެވެ.

ޖޭއެސްސީން ވަނީ ހުސްވި ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައިފަ އެވެ. އަދި އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލައިފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއް ގައި ބުނެފައިވާ ގޮތުގައި އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ މަގާމަށް ކުރިމަތި ލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް އިންނެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 47000ރ ލިބިވަޑައިގަންނަވާނެ އެވެ. އަދި ލިވިން އެލަވެންސް އަށް 18000ރ ލިބިވަޑައިގަންނަވާއިރު ރިސްކު އެލަންވެންސުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ 3300ރ އެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 25 އަހަރު ވުމާއި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާ އިން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައި ވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުރުމެވެ. މީގެ އިތުރުން ވެސް ޝަރުތުތައް ހިމަނާފައި ވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު