ޚަބަރު
ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރަން ބިލެއް ހުށަހަޅަން އަޒާން ގޮވާލައިފި
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް ބަންޑާރަ ނައިބަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ގޮވާލައްވައިފި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަން ކުރުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށެވެ. އެ ވައުދާ އެއްގޮތަށް ޖޭއެސްސީ އެކުލެވިގެންވާ ގޮތް ވީހާ ވެސް އަވަހަށް ބަދަލު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަނގަޅު ފަނޑިޔާރުން ލުމުގެ އިތުރަށް މި ނިޒާމު ވެސް އިސްލާހު ކުރަންޖެހޭ. އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން އިދިކޮޅުގައި އޮވެ އެންމެ ބާރަށް ދެއްކި ވާހަކައަކީ ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކަ، ހާއްސަކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ ވާހަކަ،" އަޒާން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަން ނުކުރައްވާނެ ކަމަށް ވިދާޅުވެފައި. އެމަނިކުފާނުގެ ވައުދުފުޅެއް އެއީ."

އަޒާން ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލެއް ބަންޑާރަނައިބު ހުށަހަޅުއްވައިފި ނަމަ މަޖިލީހުން އެ ބިލު ވަގުތުން ފާސް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ގޮވާލަން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ދައުލަތު ބަންޑާރަނައިބު ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހު ކުރައްވަން ވީ އެންމެ އަވަހަށް ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅުއްވަން. އަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން މި ތިބީ އެފަދަ ބިލެއް ހުށަހަޅުއްވައިފި ނަމަ ވަގުތުން ފާސް ކުރަން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރަން މެންބަރު އަޒާން ގޮވައިލެއްވީ އެ ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، އެ ބޭފުޅުންގެ މައްސަލަ ބަލާތީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދުވަސްވަރެއްގައެވެ.

މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުންނާއި ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބަލަމުން އަންނަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމީ ކުއްލިއަކަށެވެ. އެ ނިންމުން ނިންމިއިރު، އެ މައްސަލައިގައި ވަގުތީ އަމުރުތަކެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން ވެސް އޮތީ ކުޑަތަންވެފައެވެ

ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަ މިދިޔަ އެމްޑީޕީގެ ސަރުކާރުން ދެއްކިި ނަމަވެސް އެ ވެރިކަން ނިމުނުއިރު އެކަން ނުވާ ކަމަށް އަޒާން ވިދާޅުވި އެވެ. އަދި އޭރު އިދިކޮޅު މެންބަރެއްގެ ގޮތުގައި ހުންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ދެ ފަހަރެއްގެ މަތިން ބިލް ހުށަހެޅި ނަމަވެސް ތާއީދު ނުލިބުނު ކަމަށްވެސް އަޒާން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު