ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ފަނޑިޔާރު ޝަހީދު ހަމަޖައްސައިފި
އަލީ ރާޒީ
26 މާޗް 2025 - 12:30
0 comments
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާނެ ފަނޑިޔާރަކަށް ހުސައިން ޝަހީދު ހަމަޖައްސަން ނިންމައިފި އެވެ.
މީގެ ކުރިން ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރެއްވީ ފަނޑިޔާރު ހުސްނުއްސުޢޫދެވެ. އެކަމަކު، އޭނާ ވަނީ ޖޭއެސްސީން ސަސްޕެންޑުކުރުމުން މަގާމުން އިސްތިއުފާދެއްވައިފަ އެވެ.އެހެންވެ، ސުއޫދު އިސްތިއުފާދެއްވުމުން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވައި، މަޖިލީހުން ފާސްކުރެއްވުމުން އެ މަގާމަށް އައްޔަންކުރީ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގައި ހުންނެވި ޝަހީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މި މަހު 19 ގައެވެ.ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ޖޭއެސްސީގައި އެ ކޯޓު ތަމުސީލުކުރާ ފަނޑިޔާރަކަށް ޝަހީދު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ އޭނާ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ތަހުގީގު ކުރަން ފެށުމުންނެވެ. އިސްތިއުފާ ދެއްވީ ރައީސް މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.ސުއޫދުގެ އިތުރުން ސަސްޕެންޑު ކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. އެ ތިން ފަނޑިޔާރުން ވެސް ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށެން ކުޑަތަންވެފައި އޮއްވައި، ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
ކިޔުންތެރިންގެ ޝުއޫރު