ޚަބަރު
މިސްރުގެ ރައީސްކަަމަށް ސީސީ އިންތިޚާބުވެވަޑައިގަތުމުން ރައީސް ތަހުނިޔާ ފޮނުއްވައިފި
ޢަބްދުލް ފައްތާޙް އަލް ސީސީ، މިޞްރުގެ ރައީސްކަމުގެ މަޤާމުގެ އާ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިޞްރުގެ ރައީސަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ތިންވަނަ ދައުރަކަށް ސީސީ ހޮވިވަޑައިގަތުމަކީ މިޞްރުގެ ރައްޔިތުން އެމަނިކުފާނުގެ ވެރިކަމަށް ކުރައްވާ އިތުބާރު ދޭހަވާކަމެއްކަމުގައި ވިދާޅުވެ، ސީސީގެ ވެރިކަމުގައި މި ފެށުނު އާ ދައުރުގައި މިޞްރަށް ފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންފައިވެ އެވެ.

މި މެސެޖުގައި، ރާއްޖެއާއި މިޞްރާއި ދެމެދު އޮންނަ އެކުވެރިކަމުގެ ތާރީޚީ ގުޅުމަަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރުއްޔާ ވިދާޅުވީ އެއީ އިސްލާމީ އެއްބައިވަންތަކަމާއި، ދެފަރާތަށް އިޙްތިރާމްކުރުމާއި، ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމުގައެވެ. މީގެ އިތުރުން ވެސް ސަގާފަތާއި ތަރިކައާއި، އިޤްތިޞާދީ އެއްބާރުލުމާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި، އަދި އެނޫންވެސް އެކި ދާއިރާތަކުން މިޞްރުގެ ފަރާތުން ރާއްޖެއަށް ވެދެއްވާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިންމަވާލައްވަމުން މިޞްރު ސަރުކާރާ ގުޅިގެން ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ދެމިތިބުމަށް އެދޭކަން ހާމަކުރައްވާފައިވެ އެވެ.

މިޞްރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 10 ން 12 އަށެވެ.

އިންތިޚާބުގައި ސީސީއަށް ލިބިފައި ވަނީ 89.6 އިންސައްތަ ވޯޓު ކަމަށް އެ ޤައުމުގެ އިލެކްޝަންސް އޮތޯރިޓީން ބުނެއެވެ. މީގެ ކުރިން ބޭއްވި ދެ އިންތިޚާބުގައި ވެސް ސީސީ ކާމިޔާބު ކުރެއްވީ 97 އިންސައްތަ ވޯޓާ އެކުއެވެ.

ދިހަ އަހަރު ވަންދެން މިޞްރުގައި ވެރިކަން ކޮށްފައިވާ ކުރީގެ ސިފައިންގެ ވެރިޔާ ސީސީއަށް މިޞްރުގެ 39 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ.

މިޞްރުގެ އިންތިޚާބު ބާއްވައިފައި ވަނީ އެ ޤައުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ޤައުމުގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުމާއި، ފައިސާގެ އަގު ވެއްޓުން ހިމެނެއެވެ.

މިޞްރުގެ ރިޔާސީ އިންތިޚާބަށް ސީސީއާ އެކު ކުރިމަތިލެއްވީ ތިން ކެންޑިޑޭޓުންނެވެ. އޭގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކީ ހައި ޕްރޮފައިލް ކެންޑިޑޭޓުންނެއް ނޫނެވެ.

މިޞްރުގެ ރައީސް ކަމުގެ މަޤާމަށް ސީސީ އިންތިޚާބުވެ ވަޑައިގެންނެވީ މުސްލިމް ބްރަދާހުޑްގެ ކުރީގެ ރައީސް މުޙައްމަދު މުރްސީގެ ވެރިކަން ވައްޓައިލުމަށް ފަހު 2013 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު