ޚަބަރު
މާލެ ސަރަހައްދުގައި ޓެކްސީ ކޮށްދޭން ޖެހޭ އަގުތަކަށް ބަދަލެއް
މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައި މި މަހުގެ 20 އިން ފެށިގެން އާ އަގުތަކަށް އަމަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ދަތުރު ކުރެވޭ އަގުތައް ކަނޑައަޅައި، އެ އަގުތަކަށް މި މަހުގެ 20 އިން ފެށިގެން އަމަލުކުރަންޖެހޭނެ ކަމަށެވެ.

ހަ ސީޓަށް ވުރެ މަދު އުޅަނދުތަކުގެ ޓެކްސީ އަގުތައް:

  • ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) – 30ރ.
  • މާލެ އިން ހުޅުމާލެ ފޭސް 1 އަށް: 85ރ،
  • މާލެ އިން ހުޅުމާލެ ފޭސް 2 އަށް: 100ރ،
  • މާލެ އިން އެއާޕޯޓަށް: 70ރ.
  • ހުޅުމާލެ 2 އިން މާލެ އަށް 100ރ.
  • ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް 40ރ.
  • ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 85ރ.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަށް 70ރ.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80ރ.
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް 85ރ.
މިނިސްޓްރީން ބުނީ 7-10 ސީޓާ ދެމެދުގެ އުޅަނދުތަކުގައި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ކުރާ ދަތުރުތަކުގެ އަގުގެ އިތުރަށް 15 ރުފިޔާ ޗާޖު ކުރެވޭނެ ކަމަށެވެ. އަދި ތިން ލަގެޖަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ލަގެޖަކަށް 5ރ. އިތުރަށް ނަގާނެ ކަމަށް އާ އުސޫލުގައި ވެ އެވެ.

ޓެކްސީގެ އަގުތައް މުރާޖައާ ކުރިއިރު މީގެ ކުރިން މާލެ އެތެރޭގެ ދަތުރުތަކަށް ނަގަނީ 25-30ރ. ގެ އަގެކެވެ. މާލެ އިން ހުޅުމާލެ 1 އަށް 85ރ. އަދި މާލެ އިން ހުޅުމާލެ 2 އަށް 100ރ. އަށް ދެވެ އެވެ.

ޓްރާންސްޕޯޓުން ބުނި ގޮތުގައި މި އަގުތައް ކަނޑައެޅީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގަ އެވެ. އަދި މި އަގުތަކަށް އަމަލުކުރޭތޯ ފުލުހުންނާ ގުޅިގެން އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ބުންޏެވެ.

"މި ވުޒާރާއިން ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅާފައި ވަނީ، ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް، ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި،" މިނިސްޓްރީގެ އިއުލާންގައި ބުނެފައިވެ އެވެ. 

އޭގެ އިތުރުން ވެލާނާ އެއާޕޯޓު ހިންގާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން, ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭ ފަދައިން އެއާޕޯޓުގައި ބޯޑު ހަރުކުރެވޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު