ޚަބަރު
ހެލިކޮޕްޓަރު އޮޕަރޭސަން ފެއްޓުމަށް އިއުލާންކުރުމުން 36 ފަރާތަކުން ކުރިމަތިލި: މިނިސްޓަރ
ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޞަން ފެއްޓުމަށް ސަރުކާރުން ކުރި އިއުލާނަށް 36 ފަރާތަކުން ކުރިމަތިލި ކަމަށް މިނިސްޓަރ އަމީން ވިދާޅުވެއްޖެ އެވެ. 

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަށް ކުރިމަތިލައްވާފައިވަނީ ދުނިޔޭގެ ހެލިކޮޕްޓަރ އޮޕަރޭޝަންގެ ބޮޑެތި ކުންފުނިތަކެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫއަށް އެންމެ އެކަށީގެންވާ ޕްރޮޕޯނެންޓެއް ހޯދުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"މި މަސައްކަތް ކުރިއަށްދަނީ ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތަށް. އަޅުގަނޑުމެން އުންމީދު ކުރަނީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ރާއްޖޭގައި ފެށިގެންދާނެ ކަމަށް،" މިނިސްޓަރ އަމީން ވިދާޅުވި އެވެ.

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަން ފެށުމަކީ ޓޫރިޒަމް އަދި މެޑިކަލް އިވެކުއޭޝަން ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށްވެސް މިކަމުން ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނީ މިދިޔަ ޖެނުއަރީ މަހު 28 ގައެވެ. ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފެށުމަށް މަގުފަހިކުރުމުގެ ގޮތުން އެކަމަށްް ބޭނުންވާ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފަ އެވެ. 

1999 ވަނަ އަހަރު ހެލިކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ރާއްޖޭގައި ހިނގާ ދިވެހިންނާއި ފަތުރުވެރިން ވަނީ މަރުވެފަ އެވެ. އެއާއި އެކު ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުން މަނާކޮށް ހުއްޓާލި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު