ޚަބަރު
މާލެއިން ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
މާލެ މަގުމަތިން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ޖާގަތަކެއް.-- ފޮޓޯ: މިހާރު
މާލޭގެ މަގުތަކާއި އާންމު ތަންތަނުން ޕާކިން ސްލޮޓްތައް ކުށްޔަށް ދޫކުރުން ހުއްޓާލުމަށް ޓްރާންސްޕޯޓު މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް މިއަދު އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާ ކަމަށާއި އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ހޯދަން ވެސް ދަތިވެފައިވާ ކަމަށެވެ.

މަގުތަކުގައި ހުރި އާންމު ޖާގަތައް ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޭނުން ހިފޭނެ ގޮތެއް ހެދުމަށްޓަކައި މިއަދުން ފެށިގެން އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުދޭން ކައުންސިލަށް އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ސިޓީ ކައުންސިލުން މިއަދާ ހަމައަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އެ ޖާގަތައް ވެސް އިތުރަށް ކުއްޔަށް ދޫނުކުރުމަށް ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރަން 1،000 ޕާކިން ސްލޮޓް ވިއްކަން މާލެ ސިޓީ ކައުންސިލުން ނިންމީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެންނެވެ.

އޭރު އެ މަނިކުފާނު ވިދާޅުވީ މާލޭގެ ޕާކިން މައްސަލައަށް އޮތް ހައްލަކީ މާލޭގެ އެކި ސަރަހައްދުތަކުގައި މިކްސްޑް ޕާކިން ބިލްޑިންތަކެއް އެޅުން ކަމަށެވެ. އެހެން ނަމަވެސް އެއީ ކައުންސިލްގެ ބަޖެޓުން އެކަނި ކުރެވޭވަރުގެ ކަމެއް ނޫން ކަމަށާއި، ސްލޮޓް ކުއްޔަށް ދޫކުރީ ވަގުތީ ހައްލެއް ގެނައުމަށް ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މާލޭގެ މަގުތަކުން ޕާކިން ޖާގަތައް ކުއްޔަށް ދިން ދޭ ޖާގައިގެ ކުލި އުޅެނީ 750ރ. އާއި 3،000ރ. އާ ދެމެދުގަ އެވެ.

ޑިޕްލޮމެޓިކް މިޝަންތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ ވެރިންނަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކުން 591،216.97ރ. ލިބިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އާންމުންނަށް ދޫކޮށްފައިވާ ސްލޮޓްތަކުން ލިބުނީ 3،396،850ރ. އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު