ވިޔަފާރި
ފިއުލް ފާމް ތިލަފުއްޓަށް ބަދަލު ކުރަނީ
މާލެގެ މޫނުމަތީ އޮތް ކ. ފުނަދޫގައި ގާއިމުކޮށްފައިވާ އެސްޓީއޯގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމައި، އެތަން ޑިޒައިންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި އޭނަ ރޭ ވިދާޅުވީ ތިލަފުށިން އެކަމަށް ހެޔޮވަރުގެ ބިމެއް ލިބޭނެކަމުގެ އުފާވެރި ޚަބަރު އޮތީ ލިބިފައި ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް އަވަހަކަށް ތިލަފުށީގައި ރަނގަޅު ސްޓޯރޭޖެއް ގާއިމުކޮށް ރާއްޖެއަށް ބޭނުންވާ ތެލަށް ބަލާފައި ރަނގަޅު ސައިޒެއްގެ ސްޓޯރޭޖުތަކެއް ގާއިމުކުރުން." ޝިމާދު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތެލުގެ ޑިމާންޑް މިހާރު އޮތް ނިސްބަތަށް ބަލާ އިރު، ފުނަދޫގެ ޖާގަ މިހާރު ކުޑަ ކަމަށެވެ.

ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ކޮންސަލްޓެންޓެއް ނަގައިގެން، ކޮންސެޕްޓާއި ޑިޒައިން އަދި މުޅި މަޝްރޫއުގެ އަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ޝިމާދު ވިދާޅުވި އެވެ. އެއަށް ފަހު މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބީލަމަށް ލާނެ އެވެ.

އެ މަޝްރޫއު ފެށުމަށް ފަހު ނިންމަން 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ޝިމާދު ވިދާޅުވި އެވެ.

ތިލަފުށީގައި ފިއުލް ފާމު ގާއިމު ކުރުމުން، ތެޔޮ ރައްކާކުރެވޭ މިންވަރު ގިނަވުމާއެކު، ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެކަން ވެސް ޝިމާދު ފާހަގަ ކުރެއްވި އެވެ.

ފުނަދޫ ފިއުލް ފާމް މި ސަރުކާރުން ފުރަތަމަ ބަދަލު ކުރަން އުޅުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފައި އޮތް ކ. މާގިރިފަޅު ހިއްކައިގެން އެތަނަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު