ޚަބަރު
ޖެޓް ހޭންޑްލިންގ ގަވާއިދުތަކެއް ހަދައި އާމްދަނީ ގައުމުގައި ހިފަހައްޓަނީ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
ޖެޓް ހޭންޑްލިންގ ވިޔަފާރިން ލިބޭ އާމްދަނީ ދިވެހި ރާއްޖޭގެ ހިފެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖެޓް ހޭންޑްލިންގ ވިޔަފާރިއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރު ހަވާލުވިއިރުވެސް، ޖެޓް ހޭންޑްލިންގއަކީ ހިންގަމުން އަންނަ ވިޔަފާރިއެއް ކަމަށެވެ. ނަމަވެސް މިހާތަނަށް މިކަން ކުރެވެމުން އައިސްފައިވަނީ ދިވެއްސެއްގެ ނަންމަތީ ކުންފުންޏެއް ހަދާ އޭގެ ފުރިހަމަ މަންފާ ކައިިރި ޤައުމުތަކުގެ ބޭރުގެ ފަރާތްތަކަށް ލިބޭ ގޮތަށް އިންތިޒާމު ވެގެން ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ, ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ދިވެހި ފަސްގަނޑުން ލިބޭ މަންފާއަކީ ދިވެހި ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް އޭގެ ފުރިހަމަ ގޮތުގައި ލިބޭ އެއްޗަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުން މިހާރު ބަލާނަން އެ ކަންތައްތައް އޮޑިޓް ވެސް ކުރާނަން އެގޮތަށް ދިވެހި ކުންފުންޏެއް ހަދާފައި ބޭރު ކުންފުނިތަކަށް މަންފާ ލިބޭ ގޮތަ އިންތިޒާމު ވެގެން ކުރާ ވިޔަފާރިއަށް ބަދަލު ގެންނާނަން،" އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އެވިއޭޝަން ދާއިރާގެ ވިޔަފާރީގެ ތެރޭގައި ހިމޭނޭ ޖެނެރަލް ސޭލްސް އޭޖެންޓުންނާއި، އަދި ޕެސެންޖަރ ސޭލްސް އޭޖެންޓުންގެ ވިޔަފާރިތައްވެސް މިފަދަ ގޮތަކަށް ހިންގަމުންދާކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިކަންކަން ބަލާ އޮޑިޓް ކުރާނެ ކަމަށެވެ. އެގޮތުން މިކަމަށް ބަދަލު ގެނައުމުން ދިވެހިރާއްޖޭގައި ވިޔަފާރިކޮށްގެން ލިބޭ މަންފާ ދިވެހި ކުންފުނިތަކަށް ލިބޭނެ ކަމަށެވެ. އަދި އަލަށް ފަށާފައިވާ ސީ ޓު އެއަރ ކާގޯ ޚިދުމަތްވެސް މިގޮތަށް ވަރަށް ބޮޑަށް ރެގިއުލޭޓް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު