ޚަބަރު
ހެލިކޮޕްޓަރުގެ ހިދުމަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދަނީ
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިމާޖެންސީ ހާލަތަށާއި ޓޫރިޒަމަށް އެހީތެރި ވެދޭން ރާއްޖޭގައި ފަށާ ހެލިކޮޕްޓަރު ދަތުރުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކަމަށް ހާއްސަ އިއުލާނެއް ވެސް އިއްޔެ ވަނީކޮށްފަ އެވެ. އޭގައި ބުނަނީ ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ދޭ ފަރާތްތަކުން ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށް ހެލިކޮޕްޓަރު ބޭސްޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ވާނެ ކަމަށާއި ހުރިހާ ސަރަހައްދެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުން ކުރާއިރު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖަރު ޓްރާންސްޕޯޓް ތައާރަފް ކުރަން ޖެހޭނެ ކަމަށެވެ.

ސަރުކާރުން ބޭނުން ވަނީ 10 އަހަރުގެ އެކްސްކްލޫސިވިޓީއެއް ދީގެން ފަތުރުވެރިކަމަށް ހެލިކޮޕްޓަރު ޕެސެންޖާ ޓްރާންސްފާ ކުރުމުގެ ފުރުސަތު ދޭށެވެ،

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ބޭނުންކުރަން ފެށުމަށްޓަކައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ މާޗު މަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.

ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށްޓަކައި ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ވެސް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުންކުރަން މި އަހަރު ވަނީ ފަށައިފަ އެވެ.

އްޖޭގައި ކުރިން ވިޔަފާރި އުސޫލުން ހެލިކޮޕްޓަރު ދަތުރުތަކުގެ ހިދުމަތް ދިން ނަމަވެސް ރާއްޖޭގައި މިހިދުމަތް ހުއްޓާލީ އޭރު ހިދުމަތް ދިނުމަށް ބޭނުންކުރި ހެލިކޮޕްޓަރުތަކުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބަޔަކު މަރުވި ފަހުން 1999 ވަނަ އަހަރު އެވެ. އޭގެފަހުން ރާއްޖޭގައި ހެލިކޮޕްޓަރު ދަތުރުތަކުގެ ހިދުމަތް ވިޔަފާރި އުސޫލުން ދީފައެއް ނުވެ އެވެ. ނަމަވެސް އެމްއެެންޑީއެފް އިން ބަލި މީހުން އުފުލުމަށް އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކުގައި ކޮންމެވެސް ވަރަކަށް ހެލިކޮޕްޓަރު ބޭނުންކުރެ އެވެ.

ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ޑިސެމްބަރު 2017ގައި އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ގުޅިގެން ދިރާސާއެއް ހަދާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު