ޚަބަރު
އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބަހުސެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ
އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ އދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ތަގްރީރު ކުރައްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އދ. ގެ އެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް ރައީސް ފުރާވަޑައިގަންނަވާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އދ. ގެ އާންމު މަޖިލީހުގެ ފުރަތަމަ ސެޝަން ކަމަށެވެ. އެގޮތުން ސެކިއުރިޓީ ކައުންސިލުގެ ހާއްސަ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާ އިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އާންމު މަޖިލީހުގެ ހަވާސާއިގައި ބާއްވާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވ އެވެ. އަދި ނިއު ޖާޒީގައި ހުންނަ އައިވީ ލީގުގެ ޔުނިވާސިޓީއެއް ކަމަށްވާ ޕްރިންސްޓަން ޔުނިވާސިޓީގައި ވެސް ރައީސް ތަގުރީރު ކުރައްވާނެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން މިހާރު ފަށާފައިވާއިރު މައިގަނޑު ބައިތައް އޮންނާނީ ސެޕްޓެމްބަރު 24, އިން ފެށިގެންނެވެ. އދ. ގެ 193 މެންބަރު ގައުމުން މި މަޖިލީހުގައި ބައިވެރިވާނެ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ އެންމެ ބޮޑު ފަސް ބާރު ކަމަށްވާ އެމެރިކާ އާއި ރަޝިއާ އާއި ޗައިނާ އާއި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސް ހިމެނޭ ގޮތަށް އޮންނަ ކައުންސިލެކެވެ. އެ ކައުންސިލްގެ ވަގުތީ މެމްބަރުންގެ ގޮތުގައި އެކި ގައުމުތައް އިންތިހާބު ކުރެ އެވެ. ރާއްޖެއަކީ އެ ކައުންސިލްގެ މެމްބަރެއް ކަމަށް ނުވިޔަސް، މެމްބަރު ނޫން ގައުމުތަކަށް ވެސް އެ ކައުންސިލްގެ އާންމު ބަހުސްތަކުގައި ތަގްރީރު ކުރުމުގެ ފުރުސަތު އޮވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު