ޚަބަރު
ކުންފުނީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި
ގާނޫނު ނަންބަރު 7/2023 (ކުންފުނީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލަކީ، 2024 ސެޕްޓެމްބަރ 17 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވެވި 3 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިސްލާހުގައި، ގާނޫނުގެ 100 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު 3 ދުވަހަށް ބަދަލުކޮށް އަދި އެ މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ 3 މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހޭނެ ކަމުގައި ކަނޑައަޅާފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށްފައިވެ އެވެ.

މީގެ އިތުރުން 100 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ޕްރައިވެޓް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވުމަށް ކަނޑައަޅާފައިވާ މުއްދަތު މަދުވެގެން 7 ދުވަސް ކުރިން ފޮނުވަން ޖެހޭގޮތަށް ބަދަލުކޮށް، އެ މާއްދާގެ (2) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ޕަބްލިކް ކުންފުނިތަކުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ، މަދުވެގެން 14 ދުވަސް ކުރިން އެ ކުންފުންޏެއްގެ މެންބަރުންނަށް ނޯޓިސް ފޮނުވަން ކަނޑައަޅާފައިވާ މުއްދަތުވެސް މަދުވެގެން 7 ދުވަސް ކުރިން ނޯޓިސް ފޮނުވަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

މި އިސްލާހުގައި، މި ގާނޫނުގެ 113 ވަނަ މާއްދާގެ (ށ) ގައި، ކޮންމެ ޕަބްލިކް ކުންފުންޏެއްގައި، މަދުވެގެން 2 ޑިރެކްޓަރުން ތިބެންވާނެ ކަމަށާއި މި މާއްދާގެ (ނ) ގައި، ކޮންމެ ސަރުކާރުގެ ކުންފުންޏަކާއި، ލޯކަލް އޮތޯރިޓީ ކުންފުންޏެއްގައި މަދުވެގެން 3 ޑިރެކްޓަރުން ތިބެންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެހެން ޤާނޫނެއްގައި، ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި، އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރުމަށް މި މާއްދާ ހުރަސް ނާޅާނެކަމަށް ކަނޑައަޅާފައިވެ އެވެ. އަދި މި ގާނޫނުގެ 126 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާގޮތަށް ރަޖިސްޓަރާރގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި ޑިރެކްޓަރުން އައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މައުލޫމާތާއެކު ރަޖިސްޓްރާރއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައި، އަދި މި މާއްދާގެ (ށ) ގައި ބަޔާންކުރާގޮތަށް ރަޖިސްޓަރާރގެ އެންގުމެއް ކުންފުންޏަކަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި މެނޭޖިންގ ޑިރެކްޓަރެއް އައްޔަން ކުރުމަށް ދީފައިވާ މުއްދަތު 10 ދުވަހަށް ބަދަލުކޮށް، އެ މަޢުލޫމާތާއެކު ރަޖިސްޓްރާރއަށް އަންގަންޖެހޭނެ ކަމަށް ކަނޑައަޅައިފައިވެ އެވެ.

ގާނޫނު ނަންބަރު 7/2023 (ކުންފުނީގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު