ޚަބަރު
ރަސްމާލެ ޕްރޮޖެކްޓް ކާމިޔާބު ކުރެވޭނެ: ސަރުކާރު
ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވައުދުފުޅެއް ކަމަށާއި ރަސްމާލެ މަޝްރޫއު ހަގީގަތަކަށް ހައްދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފި އެވެ. 

ހީނާ ވަލީދު މިހެން ވިދާޅުވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. 

ހީނާ ވަލީދުގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވެސް ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވި އެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވައުދުފުޅަކީ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަން ފާހަގަ ކުރައްވާ، ރަސްމާލެ މަޝްރޫއު މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމުގައި ހީނާ ވިދާޅުވި އެވެ. 

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްވެގެން އައިއިރު، އެ މަޖިލީހުގައި އޮތީ އެމް.ޑީ.ޕީ.ގެ ސުޕަރ މެޖޯރިޓީއެއް ކަމަށާއި އެ މަޖިލީހުން ކުރެއްވި އެންމެ ދަތިވި އެއް ކަމަކީ އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެހެން ބަޖެޓް ފާސްކުރުން ކަމުގައި ހީނާ ވިދާޅުވިއެވެ. ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ ހަބަރާއި މައުލޫމާތު ތާޒާކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަނީ ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި ކުންފުނިތަކުގެ މަޢުލޫމާތު ގެނެސްދިނުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަމުންނެވެ. 

އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެ ވުޒާރާއާއި ގުޅުންހުރި ދާއިރާތަކުން ކުރަމުން އަންނަ މުހިންމު ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު