ޚަބަރު
އޭޕްރިލް މަހު ޑެންގީގެ 244 ކޭސް ރިޕޯޓުކުރި: އެޗްޕީއޭ
ނިމިދިޔަ އޭޕްރީލް މަހު ޑެންގީ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު 244 އަށް އެރި ނަމަވެސް، އެހެނިހެން ބަލިތައް ފެތުރުނު މިންވަރު ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 244 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. މިއީ މިއަހަރު މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓްކުރި މަހެވެ.

ޑެންގީ ހުން ޖެހިގެން ޖެނުއަރީ މަހު 145 ކޭސް، ފެބްރުއަރީ މަހު 116 ކޭސް އަދި މާޗް މަހު 119 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މި އަހަރުގެ މާޗު މަހާ އަޅާބަލާއިރު އޭޕްރިލް މަހު ޑެންގީ ހުން ފިޔަވާ އާއްމުކޮށް ރިޕޯޓްކުރެވޭ އެހެން ހުރިހާ ބައްޔެއް ދަށަށް ގޮސްފައިވާ ކަމަށެވެ.

ޑެންގި ހުން އިތުުރެވެފައިވަނީ މާލެއޭރިޔާގެ އިތުރުން ހދ، ނ، އަދި ކ އަތޮޅުގައެވެ.

މި ދުވަސްވަރަކީ ވިއްސާރަ މޫސުމަކަށްވުމުން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ޑެންގީގެ އިތުރުން، ޗިކުންގުންޔާ ވެސް ވަނީ މި ދުވަސްވަރު އިތުރުވެފައެވެ.

މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ މަދިރި ހެފުމުން ރައްކާތެރިވުމެވެ. މަދިރި ހެފުމުން ރައްކާތެރިވުމަށް، މަދިރި ލޯޝަން ބޭނުންކުރުމާއި މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު